23 ޖުލައި 2025 - 17:28

އަންނަ ހޮނިހިރު ދުވަހުގެ ރޭ ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލަށް އަންނަ ސެޕްޓެމްބަރު މަހު ހުރިހާ އެއާލައިނެއްގެ އޮޕަރޭޝަންތައް ބަދަލުކުރެވޭނެ ކަަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އޮރާޓް ކޮންސަލްޓެންޓް މޮޑަލިސް ކޮންސަލްޓެންސީގެ އެހީގައި އެކި މަރުހަލާތަކަށް ބަހާލައިގެން އާ ޓާމިނަލް ބޭނުންކުރަން ފަށާއިރު، އެންމެ ފުރަތަމަ ފުރުސަތު ދޭނީ "ނެރޯ ބޮޑީ" ގެ މަތިންދާބޯޓުތައް ގެންގުޅޭ އެއާލައިންތަކަށް ކަމަށެވެ.

"އެހެންވީމާ މުޅި ޓާމިނަލަށް [އެއާލައިންތަކުގެ އޮޕަރޭޝަންތައް] ބަދަލުކުރުމުގެ މަސައްކަތަކީ ވިސްނުންތެރިކަމާ އެކު، ކޮންސަލްޓެންޓުގެ ލަފަ އާއި އިރުޝާދުގެ ދަށުން ކުރާ ކަމެއް،" އެމްޑީ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވިގޮތުގައި، ހައި އެންޑް އެއާލައިންތަކުން އާ ޓާމިނަލް ބޭނުންކުރަން ފަށާނީ ވެސް އެ މީހުންގެ ހާއްސަ އޮޑިޓެއް ހެދުމަށް ފަހު އެވެ.

"ޔަގީންކަމާ އެކު ދެންނެވިދާނެ، ސެޕްޓެމްބަރަށް ހުރިހާ އެއާލައިނެއްގެ ސާވިސް އާ ޓާމިނަލުން ލިބެން ފަށާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މައި އެއާޕޯޓަށް މި ވަގުތު 34 އެއާލައިނެއްގެ މަތިންދާބޯޓު ޖައްސަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ކުލަގަދަ ރަސްމިއްޔާތުގައި އާ އެއާޕޯޓު ހުޅުވުމާ އެކު، އެ ތަނުގައި ފުރަތަމަ ހިދުމަތް ދޭން ނިންމާފައި ވަނީ މޯލްޑިވިއަންގެ މަތިންދާބޯޓުތަކަށެވެ.

ޝަރީފު ވިދާޅުވީ، އާ ޓާމިނަލާ އެކު، އެއާޕޯޓު އޮޕަރޭޝަނަށް އަންނާނެ އެންމެ މުހިއްމު އެއް ބަދަލަކީ ބެގޭޖު ހޭންޑްލިން ސިސްޓަމެއް ބޭނުން ކުރަން ފެށުން ކަމަށެވެ. އެއާ އެކު، ލަގޭޖުތައް ސޯޓްއައުޓް ކުރުމުގެ ހުރިހާ ކަމެއް ހިންގާނީ އޮޓަމެޓިކް ސިސްޓަމުންް ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިން އެއީ މެނުއަލްކޮށް ކުރި މަސައްކަތްތަކެވެ.
"ބޯޓުފަހަރަށް ލަގޭޖު ލޯޑު ކުރަން އަވަސް ވެގެން ދާނެ. އަދި އަންނަ ފްލައިޓުގެ ޓާން އެރައުންޑް ޓައިމް އަވަސް ވާނެ،" އެމްޑީ ވިދާޅުވި އެވެ.
އާ ޓާމިނަލާ އެކު، އެއާލައިންތަކަށް ވެސް ފަސޭހަ، ފަސިންޖަރުންނަށް އަވަސް އަދި މިހާރަށް ވުރެ ކުންފުނީގެ ހިދުމަތްތަކެއް ފެންވަރު ވެސް ރަނގަޅުވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
އާ ޓާމިނަލް ހެދުމަށް 457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. އެ ޓާމިނަލްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2016 ވަނަ އަހަރު އެވެ. އެކަމަކު އެކި ސަބަބުތަކާ ހެދި ޓާމިނަލްގެ މަސައްކަތްތައް ލަސްވި އެވެ.
އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެ ތަނުގައި 47 ޗެކިން ކައުންޓަރު ހުންނާނެ އެވެ. އަދި ސެލްފް ޗެކިން ހަ ކިއޯސްކް ވަނީ ގާއިމްކޮށްފަ އެވެ. އޭގެ އިތުރަށް ވެސް، ހިދުމަތް ދިނުމުގައި ކުރީގެ ޓާމިނަލަށް ވުރެ 30 ޕަސެންޓަށް ވުރެ އަވަސް ވާނެ އެވެ.