23 މާޗް 2017 - 06:20

އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑް ވަން ޑިރެކްޝަންގެ ކުރީގެ ލަވަ ކިޔުންތެރިތާ ޒޭން މާލިކް މިހާރު މަސައްކަތް ކުރަނީ ސޯލޯ އާޓިސްޓެއްގެ ގޮތުގަ އެވެ.
ބޭންޑާ ވަކިވުމަށް ފަހު، ޒޭން ވަނީ އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް "މައިންޑް އޮފް މައިން" މީގެ އަހަރެއްހާ ދުވަސް ކުރިން ފޭނުންނަށް ދޫކޮށްލައިފަ އެވެ.
މިހާރު މިއޮތީ އޭނާގެ ދެވަނަ ސޯލޯ އަލްބަމެއްގެ ވާހަކަ އެވެ. އަލްބަމްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ އިރު، ޒޭން ވަނީ އެ ވާހަކަ ޓްވިޓާ މެދުވެރިކޮށް ފޭނުންނާ ވެސް ހިއްސާކޮށްފަ އެވެ.
އެކަމަކު އޭނާގެ އެ ޓްވީޓަށް އިތުބާރު ކުރަން ދަތިވެގެން ބައެއް ފޭނުން އެ ވާހަކަ ގަބޫލު ނުކުރެވޭ ކަމަށް ބުނުމުން ޒުވާން ލަވަ ކިޔުންތެރިޔާ ވަނީ އަލްބަމްގެ ލަވައެއްގެ 10 ސިކުންތު ޓްވިޓާގައި އަޑު އިއްވާލައިފަ އެވެ.
އެ ލަވައިގެ ނަމަކީ "ސްޓިލް ގޮޓް ޓައިމް" އެވެ. މި ލަވައިގައި ޒޭންއާ އެކު މަޝްހޫރު ރެޕާ ޕާޓީ ނެކްސްޓް ޑޯ ފީޓްކޮށްފައިވެ އެވެ.
ޒޭން ބުނީ އޭނާގެ ދެވަނަ ސޯލޯ އަލްބަމް ދެން މާ ލަސްތަކެއް ނުވެ ގެނެސް ދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
"ބައެއް މީހުން ބުނޭ ދެވަނަ އަލްބަމެއް ގެނެސް ދިނުމަކީ ވެސް ފަސޭހަ ކަމެއް ނޫނޭ. އަހަރެން ބުނާނީ ދެވަނަ އަލްބަމެއް ހަދަން ފެށި މަސައްކަތް ހަމަ ވަރަށް ކާމިޔާބުކޮށް ކުރިއަށް އެބަދެއޭ،" މޮޑެލް ޖިޖީ ހިދީދްއާ ޑޭޓް ކުރަމުން އަންނަ ލަވަ ކިޔުންތެރިޔާ ބުންޏެވެ. "އަހަރެން މިހިރީ އަލްބަމާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި."
ވަން ޑިރެކްޝަނާ އެކު ޒޭން މަސައްކަތް ކުރި ދުވަސްވަރު އެ ބޭންޑުން ވަނީ ވަރަށް ކާމިޔާބު ހަތަރު އަލްބަމެއް ނެރެފަ އެވެ.