23 ޖުލައި 2025 - 11:54

މާލެ ސިޓީ ކައުންސިލްގެ ބިމެއް ކަމަށްވާ "ތައިސޭ ކޮށި" ދިވެހި މިއުޒިކް އާޓިސްޓުންނަށް ކުއްޔަށް ދޭން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ތައިސޭ ކޮއްޓަކީ މާލެ ސިޓީގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި އޮންނަ ހުސް ބިމެވެ.
ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި، މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވީ އެ ބިން ޒުވާނުންގެ އެކި ކަންކަމަށް ކުއްޔަށް ދޫކުރުމަށެވެ. އެ ހުށަހެޅުއްވުން ފާސްވީ، ކައުންސިލް ޖަލްސާއަށް މިއަދު ވަޑައިގަތް 10 މެމްބަރުންގެ އިއްތިފާގުންނެވެ.
އާޒިމް ވިދާޅުވި ގޮތުގައި ކައުންސިލުން މިހާރު ވަނީ ތައިސޭ ކޮށީގެ ބިން އެއްކޮށް ސާފުކޮށް، ތަނުގެ ގޮނޑުކަން ފިލުވައިފަ އެވެ. އެހެންވެ އެ ތަނުން ރަނގަޅު ބިމެއް ހެދިފައިވާތީ މޭޔަރު ހުށަހެޅުއްވީ އެ ބިމުން އާމްދަނީ ލިބޭނެ ގޮތެއް ހެދުމަށެވެ.
އެޖެންޑާއަށް އާޒިމް ހުށަހެޅުއްވީ މިހާރު ކައުންސިލުން ބިން ކުއްޔަށްދޭ އަގަށް ބަލައި، ހުނަރުވެރި ޒުވާނުންނަށް ކުއްޔަށް ދޫކުރުމަށެވެ.
"ހުނަރުވެރިން، ހުނަރުތައް ދައްކާލުމަށް ވެސް މާލޭގައި ތަނެއް ނޯންނާތީ އެ ހުނަރުވެރިންނަށް އަޅުގަނޑުމެން، ޝޯ އެއްޗެހި ބާއްވާލައި ކަންތައް ކޮށްލުމަށް އެތަން ދިނުމަށް. މިހާރު އެ ބޭފުޅުންނަށް އަޅުގަނޑުމެންނަށް ކޮށްދެވޭ މާ ބޮޑެތި ކަންތައްތަކެއް ނުހުރޭ، ސްޕޭސް ނެތީމަ، މިއުޒިކް ޝޯއެއް އެއްޗެއް ވެސް ބާއްވާ ނުލެވޭ،" މޭޔަރު ވިދާޅުވި އެވެ.
މިއުޒިކް ކުޅޭ މީހުންނަށް ތައިސޭކޮށި ދޭން ނިންމާފައި ވަނީ ސީއެސްއާރުގެ ދަށުން ދޫކުރާ ގޮތަށެވެ. އެތަން ނަގާ މީހުން ޓިކެޓް ވިއްކާ ނަމަ ކައުންސިލަށް އެއްބައި ލިބޭ ގޮތަށް ހެދުމަށް ކައުންސިލަރު ސައިފް ފާތިހު ހުށަހެޅުއްވި ހުށަހެޅުއްވުމަށް މޭޔަރު ވަނީ ތާއީދު ކުރައްވައިފަ އެވެ.
އެތަން ކުއްޔަށް ދޫކުރުމަކީ، މިއުޒިކް ކުޅޭ މީހުންނަށް ވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.