ހެވީ މެޓަލް މިއުޒިކްގެ ލެޖެންޑް އޮޒީ އޮޒްބޯން މަރުވެއްޖެ
ހެވީ މެޓަލް މިއުޒިކްގެ ލެޖެންޑް އޮޒީ އޮޒްބޯން މަރުވެއްޖެ

ހެވީ މެޓަލް މިއުޒިކްގެ ލެޖެންޑެއްގެ ގޮތުގައި މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އޮޒީ އޮޒްބޯން އިއްޔެ މަރުވެއްޖެ އެވެ.

އުމުރުން 76 އަހަރުގައި އޮޒީ މަރުވިކަން އޭނާގެ އާއިލާގެ ފަރާތުން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ. އޭނާ މަރުވި ގޮތެއް އާއިލާއިން ހާމައެއް ނުކުރެ އެވެ.

"ޕާކިންސަން" ކިޔާ ބައްޔަކަށް އޮޒީ ފަރުވާ ހޯދަމުން އަންނަތާ ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ. އޭނާ ވަނީ އެ ބައްޔަށް ފަރުވާކުރާކަން 2020 ވަނަ އަހަރު މީޑިއާއަށް ވެސް ހާމަކޮށްފަ އެވެ. ހަށިގަނޑުގެ ނާރުތަކަށް ޖެހޭ އެ ބަލީގެ ސަބަބުން މީހާއަށް ވާހަކަދައްކައި އުޅެން ދަތިވެ އެވެ. އަދި މަޑުމަޑުން މީހާގެ އަޑު މަޑުވެ، ވާހަކަ ނުދެއްކޭ ހިސާބަށް ވެސް އެ ބަލީގައި ދެ އެވެ.

އެ ބަލީގެ އިތުރުން ވެސް ސިއްހީ ވަރަށް ގިނަ މައްސަލަތަކަށް އޭނާ ފަރުވާ ހޯދަމުން އައި ކަމަށް ބައެއް ރިޕޯޓްތައް ބުންޏެވެ.

ހަތްދިހައިގެ އަހަރުތަކުގައި ވިދާލި ބްލެކް ސަބަތު ބޭންޑުގެ އިސް ލަވަކިޔުންތެރިޔާ އޮޒީ ވަނީ 2023 ވަނަ އަހަރު އޭނާގެ މިއުޒިކީ ކެރިއަރު ހުއްޓާލައި ރިޓަޔާކޮށްފަ އެވެ.

ދެ ކައިވެންޏެއް ކޮށްފައިވާ އޮޒީގެ ހަ ކުދިން ތިބެ އެވެ.

އޮޒީގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޑްރީމާ" އާއި "ޕެރަނޮއިޑް" އާއި "އަޔަން މޭން" އާއި "ވޯ ޕިގްސް" އާއި "މާމާ، އައިމް ކަމިން ހޯމް" އަދި "ޗިލްޑްރެން އޮފް ގްރޭވް" ހިމެނެ އެވެ.