މެޗު ވިއްކާލިކަމަށް އުދިނޭޒީގެ ކީޕަރަށް ސާބިތެއް ނުވި
މެޗު ވިއްކާލިކަމަށް އުދިނޭޒީގެ ކީޕަރަށް ސާބިތެއް ނުވި

މެޗު ވިއްކާލި ކަމަށް ތުހުމަތު ކުރެވުނު ކީޕަރު މަޑޫކާ އޯކޮޔޭގެ މައްޗަށް ކުށް ސާބިތުނުވުމުން އޭނާ އަށް އިތުބާރުކުރާ ކަމަށް އޭނާގެ ކްލަބް އުދިނޭޒީން ބުނެފި އެވެ.

މިދިޔަ އަހަރުގެ މާޗު މަހު އިޓާލިއަން ލީގުގައި ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗު އޭނާ ވިއްކާލިކަމަށް ތުހުމަތު ކުރެވުނެވެ. އެކަމަކު އިއްޔެ އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަ ންގެ ޓްރައިބިއުނަލް ކޮމިޓީން ބުނީ އެ ތުހުމަތު އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.

އެކަން އޭނާގެ މައްޗަށް ސާބިތުވިނަމަ ހަތަރު އަހަރަށް ސަސްޕެންޑް ކުރާނެ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވުނީ، ބެޓް ކުރާ މީހުންނަށް އެހީވުމުގެ ގޮތުން ގަސްތުގައި ދެ ރީނދޫކާޑް ލިބިގަތް ކަމަށެވެ. މެޗު ވިއްކާލި ކަމަށް ސާބިތު ނުވި ނަމަވެސް، ބެޓްކުރާ މީހުންނަށް އެހީވުމުގެ ގޮތުން ގަސްތުގައި ރީނދޫ ކާޑު ލިބިގަތް މައްސަލައިގައި އޭނާ ދެ މަހަށް ސަސްޕެންޑް ކުރުމަށް ޓްރައިބިއުނަލް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އެ ސަސްޕެންޝަނުގެ މުއްދަތު ފަށާނީ އާ ސީޒަނުގައި އުދިނޭޒީގެ ފުރަތަމަ މެޗު ކުޅޭ ދުވަހުންފެށިގެންނެވެ.

އިޓާލިއަން ކަޕްގައި އަންނަ މަހު 18 ގައި ކުޅޭ މެޗުން، އުދިނޭޒީން ސީޒަން ފަށާނެ އެވެ. އެ ދުވަހުން ފެށިގެން އޮކްޓޯބަރު 18 ގެ ނިޔަލަށް އޯކޮޔޭ ހުންނާނީ ސަސްޕެންޝަނުގަ އެވެ. ސެރީ އާ ގެ ހަ މެޗު އޭނާ އަށް ގެއްލޭނެ އެވެ.

އުދިނޭޒީން ބުނީ އޯކޮޔޭ މެޗު ވިއްކާލިކަމަށް، ބުނެ މީހުން ކުރިމަތި ކުރި ތުހުމަތުތަކަކީ ހަގީގަތެއް ނޫންކަން ސާފުވެގެން ހިނގައްޖެ ކަމަށެވެ. އަދި ނައިޖީރިއާގެ ކީޕަރަށް އެ ކްލަބުން ކުރާ އިތުބާރު ދެމިއޮންނާނެކަމަށް އުދިނޭޒީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.