ޣައްޒާ ބަނޑަށްޖެހިއްޖެ؛ 100 އަށްވުރެ ގިނަ ޖަމިއްޔާގެ އިންޒާރެއް!
ޣައްޒާ ބަނޑަށްޖެހިއްޖެ؛ 100 އަށްވުރެ ގިނަ ޖަމިއްޔާގެ އިންޒާރެއް!

ފަލަސްތީނުގެ ޣައްޒާގެ ހުރިހާ ހިސާބެއްގައި ވެސް ހައިހޫނުކަން އާންމުވަމުންދާ ކަމުގެ އިންޒާރު އެހީގެ 100 އަށް ވުރެ ޖަމިއްޔާއިން ދީފި އެވެ.

ޣައްޒާ ބަނޑަށްޖެހިއްޖެ؛ 100 އަށްވުރެ ގިނަ ޖަމިއްޔާގެ އިންޒާރެއް!
ޣައްޒާ ބަނޑަށްޖެހިއްޖެ؛ 100 އަށްވުރެ ގިނަ ޖަމިއްޔާގެ އިންޒާރެއް!

އެ ޖަމިއްޔާތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ ކާބޯތަކެތި ލިބުން އިންތިހާއަށް ދަތިވުމެ އެ ޖަމިއްޔާތަކުގެ މެންބަރުންނަށް ވެސް އެ ދަތިކަމާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

އިޒްރޭލުން، ދެ މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ޣައްޒާގައި ހަމަލާދެމުން ގެންދާތާ 21 މަސް ދުވަސް ވެފައި ވާއިރު އެ ސަރަހައްދަށް ކުރިމަތިކޮށްފައިވާ އިންސާނީ މުސީބާތާ ހެދި ބައިނަލްއަގުވާމީ ޕްރެޝަރު ވަނީ ވަރަށް ބޮޑުވެފަ އެވެ.

އިޒްރޭލުން ޣައްޒާ ހިސާރުކޮށް ކާނާ އާއި ބޭސް ފަދަ އަސާސީ އެއްވެސް އެއްޗެއް އެތެރެކުރުން މަނާކޮށްފައި އޮންނަތާ ދެ މަސް ފަހުން މިދިޔަ މެއި މަދު ދޫތަކެއް ދިން ނަމަވެސް އެކަށީގެންވާ ވަރާ ގާތަށް ވެސް ކާނާއެއް ނުލިބެ އެވެ. އަދި އިޒްރޭލުން ބުނާ ގޮތަށް އެހީގެ ސާމާނު ބަހާ ޖަމިއްޔާގެ ސެންޓަރުތަކުގެ ކައިރިއަށް ޖަމާވާ އެތައް ހާސް ބަޔަކަށް އަމާޒުކޮށް ހަމަލާދީ ކޮންމެ ދުވަހަކުގެން ގެންދަނީ މީހުން ޝަހީދުކުރަމުންނެވެ.

ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) އާއި ސޭވް ދަ ޗިލްޑްރަން އަދި އޮކްސްފާމް ހިމެނޭ ގޮތަށް 111 ޖަމިއްޔާއަކުން ނެރުނު ބަޔާނެއްގައި ބުނީ "އަޅުގަނޑުމެންގެ ބައިވެރިންނާއި އަޅުގަނޑުމެންގެ އެހީ ލިބޭ މީހުންގެ ހާލަތު ދަނީ ދަށްވަމުން" ކަމަށެވެ.

"އިޒްރޭލު ސަރުކާރުގެ ހިސާރުގެ ސަބަބުން ޣައްޒާގެ އާންމުން ހައިހޫނުކަމުގެ ތެރެއަށް ހިނގައްޖެ. އަދި ހަމަ އެ މީހުންނާ އެއް ހާލަތަކަށް މި ޖަމިއްޔާތަކުގެ މެންބަރުން ވެސް ވެއްޓި، އާއިލާތަކަށް ކާން ހޯދަން އުޅުމުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގެ އަމާޒަކަށް ވުމުގެ ބިރު ބޮޑުވެއްޖެ،" ބަޔާނުގައިވެ އެވެ.

އެ ޖަމިއްޔާތަކުން ވަނީ ހަމަލާތައް ހުއްޓާލުމަށާއި އެއްގަމު މަގުން އެހީގެ ސާމާނު ވެއްދޭ ހުރިހާ މަގުތަކެއް ވަގުތުން ހުޅުވާލައި އދ.ގެ ބެލުމުގެ ދަށުން އެހީގެ މަސައްކަތް ވަގުތުން ފެށޭނެ އިންތިޒާމު ހަމަޖައްސަން ގޮވާލައިފަ އެވެ.

އެމެރިކާ އާއި އިޒްރޭލުގެ އިންތިޒާމެއްގެ ދަށުން ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން މެއި މަހުގެ ފަހުކޮޅު އެހީގެ އޮޕަރޭޝަންތައް ފެށި ފަހުން އެ ޖަމިއްޔާގެ އެހީ ހޯދަން އުޅުނު ފަލަސްތީނުގެ 1،000 އަށް ވުރެ ގިނަ މީހުން އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ކަމަށް އދ. އިން އިއްޔެ ވަނީ ބުނެފަ އެވެ.

ކާބޯތަކެތި ހުސްވެ ހާލުގައިޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގައި، ރަނގަޅު ކާނާ ނުލިބިގެންނާއި ހައިހޫނު ކަމުގެ ސަބަބުން 21 ކުޑަކުދިން މަރުވިކަން ޣައްޒާގެ އައް ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ވެރިޔާ މުހައްމަދު އަބޫ ސަލްމިއާ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު އިޒްރޭލުން ބުނަނީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދެމުން އަންނަ ކަމަށާއި އާންމުން ބަނޑަށް ޖެހެނީ ހަމާސް އިން އެހީގެ ސާމާނު ލޫޓުވައި ހަމަލާދީ އެހީގެ ތަކެތި ބޮޑު އަގުގައި ވިއްކައި ނާޖާއިޒް ފައިދާ ނަގާތީ ކަމަށެވެ. -- އޭއެފްޕީ