23 ޖުލައި 2025 - 00:09

މާލެއާއި ހުޅުމާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ "ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން" ކަމަށާއި މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
"މައްސަލަ ދެނަގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
ކަރަންޓު ކެނޑުނުތާ ބައި ގަޑިއެއްހާއިރު ފަހުން ސްޓެލްކޯ އިން ވަނީ، ކަރަންޓު ކެނޑުނު ހިސާބުތަކަށް އަލުން ކަރަންޓު ދޭން ފަށާފައިވާ ކަމަށް ބުނެފަ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނު ވެސް ކަރަންޓު ކެނޑުނެވެ އެވެ. ސްޓެލްކޯއިން ބުނީ ހެނދުނު ކަރަންޓު ކެނޑުނީ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކުން ކަމަށެވެ. ކަރަންޓު އަލުން ދިނީ ކަރަންޓު ކެނޑުނުތާ ތިން ގަޑިއެއްހާއިރު ފަހުންނެވެ.
މިދިޔަ މަހުގެ ފުރަތަމަ ދުވަހު މާލެ އާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑި ހައެއްކަ ގަޑިއިރު ހޭދަވި އެވެ. އެފަހަރު މައްސަލަ ދިމާވީ މާލެ އާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވައިދޭ ގްރިޑުގެ ކަނެކްޝަނަށް ކަމަށް އޭރު ބުނެފައިވެ އެވެ.