22 ޖުލައި 2025 - 23:50

ވ. އަތޮޅުގެ ލޯކަލް ޓޫރިޒަމްގެ "ރަންގަނޑު"ގެ ގޮތުގައި މަޝްހޫރު ޝިޕްރެކް، އެ ބޯޓު އޮންނަ ފަރުން ނެއްޓި، އޮޔާ ހިނގައްޖެ އެވެ.

އެމްއެންޑީއެފުން ވަނީ ވ. ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ އެ ބޯޓު ފަރުން ނެއްޓިގެން، އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާތީ، ދަތުރުވެރިން އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.
އެ ބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ އެ އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެހެންވެ، ވ. އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ނަމަ، އަދި ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ ނަމަ އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ވާވު ޝިޕްރެކް ސަރަހައްދަކީ ޓޫރިސްޓުންނާއި ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ. ފަރަށް އަރާފައި އޮންނަ އެ ބޯޓު ބަލައިލުމަށާއި އޭގެ ކައިރީގައި ފީނުމަށް ވ. އަތޮޅާއި މާލެ އަތޮޅުގެ ރަށްރަށާއި ރިސޯޓުތަކުން ވެސް ވަރަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮންމެ ދުވަހަކު ދެ އެވެ. އެ ސަރަހައްދަށް ޓޫރިސްޓުން ގެންދަނީ ވެސް ގެސްޓް ހައުސްތަކާއި ރިސޯޓުތަކުން ޕެކޭޖުތައް ވިއްކައިގެންނެވެ.
ވ. އަތޮޅުގެ ލޯކަލް ޓޫރިޒަމް ކުރިއެރުމުގައި މި ޝިޕްރެކަކީ މުހިންމު ދައުރެއް އަދާކުރި ޓޫރިސްޓް އެޓްރެކްޝަނެކެވެ. އެ އަތޮޅުގައި ހުރި ގެސްޓް ހައުސްތައް ޕްރޮމޯޓްކުރާއިރު މި ޝިޕްރެކް ވަރަށް ބޮޑަށް ބޭނުންކުރެ އެވެ.
އެ ލަކުޑި ބޯޓު އުރުނީ ކެޔޮދޫގެ ބޯޑަރުގެ ބޭރަށް ކަމަށް ވުމުން އެއީ އެ އަތޮޅު ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި އޮތް އެއްޗެކެވެ. ބޯޓު އޮތް ސަރަހައްދު ބެލެހެއްޓީ އަތޮޅު ކައުންސިލުންނެވެ.
މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު ކުރި ގަދަ ވިއްސާރާގައި އެ ބޯޓަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ. މޫދު މަތިން ރީއްޗަށް ފެންނަން އޮތް އެ ބޯޓުގެ ދިރުނބާކޮޅު އޭރު އޮތީ އަނެއްކޮޅަށް ފުށުން ޖަހާލައިފަ އެވެ.