22 މާޗް 2017 - 15:49

މިހާރު ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެމުންދާ އެޗް1އެން1 އާ ގުޅޭ ގޮތުން ސްޓެލްކޯގެ މުވައްޒަފުންނަށް މިއަދު މައުލޫމާތުދީފި އެވެ.

ސަރުކާރު ކަރަންޓް ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން ބޭއްވި މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ 300އެއްހާ މުވައްޒަފުން ބައިވެރިވި ކަމަށެވެ.
"އެޗްޕީއޭ އިން ފޮނުއްވި ޑޮކްޓަރު ވަނީ އަޅުގަނޑުމެންނަށް އެ ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ވަރަށް ތަފުސީލް މައުލޫމާތުތަކެއް ދީފައި. އެގޮތުން ބަލީގެ އަލާމަތްތަކާއި އަދި ހުން ޖެހުމުން އަމަލުކުރަންވީ ގޮތާއި އެނޫން ވެސް ވަރަށް ގިނަ މައުލޫމާތު ވަނީ ފޯރުކޮށްދީފައި،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯ އިން ވަނީ ސްވައިން ފްލޫ ހަލުއިކަމާއެކު ފެތުރެމުންދާތީ، އެ ކުންފުނީގައި މަސައްކަތްކުރާ މާބަނޑު އަންހެނުންނަށް ޗުއްޓީދީފަ އެވެ.
އެޗްޕީއޭ އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިހާރު އެޗްވަން1އެން1 ޖެހިފައިވާ ޖުމްލަ އަދަދު ވަނީ 169 އަށް އިތުރުވެފަ އެވެ. އަދި އިންފްލުއެންޒާ އަށް 460 މީހަކު މިހާތަނަށް ޓެސްޓްކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
އެ އެޖެންސީން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން އެޗް1އެން1 ޖެހިގެން މިހާތަނަށް ތިން މީހަކު މަރުވެފައިވާއިރު 33 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވެ އެވެ.