ވާހަކަ- ހިބާ
ވާހަކަ- ހިބާ

(އާދިއްތަ ދުވަހާ ގުޅޭ)

"ހިނގާބަލަ ކާކުތޯ އެންމެ ނޭވާދިގީ ބަލަން؟" ހިބާ އެދުނެވެ.

"ހިބާއަށް ނޫނެކޭ ބުނާނީ ކިހިނެއް؟" ނާސިފު ޖަވާބުދިނެވެ. "ހިނގާ!"

ހިބާއާ އެކުގައި ނާސިފު ގޮސް ފާލަމަށް އެރިއެވެ. ގަމީސް ބޭލިއެވެ.

"އަހަރެން މީ ކަލޭ ނަމަ ތި ކޯރަކަށް ނޭރޭނަން." އިނގިރޭސިން މީހަކު ބުނި އަޑުއިވުނެވެ.

ނާސިފު ބަލައިލި އިރު، ފާލަމުގެ އަނެއް ކޮޅުގައި ފުލުހަކު ބަލަހައްޓައިގެން ހުއްޓެވެ. އޭނަ ހުރީ ރަސްމީ ޔުނީފޯމުގައެވެ. ނާސިފު ބަލައިލުމުން އޭނަ ހަނާއަޅައިލިއެވެ.

"ދޭބަލަ!" ނާސިފު ގާތުގައި ހުރި ހިބާ ބުންޏެވެ.

އަލުން ގަމީސް ލައިގެން ނާސިފު އައެވެ. އެ ފުލުސްމީހާއަކީ ކުރިން ވެސް ނާސިފުއާ ދިމާވެފައިވާ މީހެކެވެ.

"އަހަންނަށް ފާރަލަނީތަ؟" ނާސިފު އިނގިރޭސިން ސުވާލު ކުރިއެވެ.

"ފާރަލަނީއެކޭ އަހަރެން ނުބުނާނަން،" ނާސިފުއާ އެކުގައި އެއްގަމަށް ހިނގައިގަންނަމުން ފުލުސްމީހާ ބުންޏެވެ.

"އެކަމަކު، މައްސަލައެއް ހިނގަންޏާ ބައެއް މީސްމީހުން އުޅޭނޫޅޭ ގޮތް އަހަރުމެން ބަލަން. މަދިރިއެއް ނަހަފާތަ؟ އެކަނިމާއެކަނި އައިސް އިންނަން މީ ކޮން ތަނެއް؟"

"ފުލުހުންނަކަށް ނުވިސްނޭނެ،" ނާސިފު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ބުންޏަސް ގަބޫލެއް ވެސް ނުކުރާނެ. އަހަރެން ކުށްވެރިވީތަ؟ ބަލާތަ ތި އައީ؟"

އިށީންނާނެ ތަނެއް އެ ތާކު ނެތެވެ. ފުލުސްމީހާ ޖިޕުގައި އިށީނދެފައި، ޖެހިގެން ހުރި ގޮނޑި ނާސިފަށް ދެއްކިއެވެ. ނާސިފު އިށީނުމުން ފުލުސްމީހާގެ ފޯނުން ނާސިފަށް ފޮޓޯއެއް ދައްކައިލިއެވެ. އެއީ ސީސީޓީވީ ކެމެރާއަކުން ނެގިފައިވާ ވީޑިޔޯއެއްގެ ފޮޓޯއެކެވެ. ފޮޓޯގައި ދުވަހާއި ގަޑި ވެސް އޮތެވެ.

"މީ ނާސިފު،" ފޮޓޯއިން ފެންނަ ދެ މީހުންގެ ތެރެއިން އެކެއްގައި އިނގިލި ޖައްސައިފައި ފުލުސްމީހާ ބުންޏެވެ. "ދެން މިހިރީ ކާކު؟"

ދެވަނަ މީހަކީ ރާހިލްއެވެ. ދެ މީހުން ރެސްޓޯރަންޓަށް ވަންނަ ތަން ފެންނަ އެ ފޮޓޯއަކީ، އެންމެ ފަހުން ރާހިލްއާ ބައްދަލުވި ރޭގެ ފޮޓޯއެކެވެ.

"ރާހިލް!" ނާސިފު ބުންޏެވެ.

"ރަނގަޅު،" ފުލުސްމީހާ ބުންޏެވެ. "ތި ދެ މީހުން ފެނުނު ކަމަށް މީހުން ހެކި ވެސް ދީފި. ހިބާޔާ ނާސިފު ހޮޓަލުގައި އެއްކޮށް އުޅޭ ތަން ވެސް ކެމެރާއަށް އަރާފަ އެބަ ހުރި. ހޮޓަލުގެ ސްޓާފުން ވެސް އެބަ ބުނޭ! ސުވާލަކީ، މި ފޮޓޯ ނެގުނު ރޭ ދެ މީހުން ކޮން ވާހަކައެއްހޭ ދެއްކީ؟ ވިސްނައިގެން ޖަވާބު ދޭތި! ކޯޓުގަ އަހަރުމެން ތި ވާހަކަތަކުން ސުވާލު އުފައްދާނަން. ކިތަންމެ ނުރަސްމީކޮށް އަހަރެން ސުވާލު ކުރިޔަސް، މީ ހިބާގެ މަރާ ގުޅިގެން ކުރާ ތަހުގީގެއް. ތެދަށް ވާހަކަ ދައްކާތި!"

ފުލުސްމީހާ ގެންގުޅުނު ކުޑަ ވަރެއް ރިކޯޑަރެއް ކައިރީގައި ބޭއްވިއެވެ. ރިކޯޑުވާކަން އެންގުމަށް ޓަކައި، އޭގައި ދިއްލިފައިވާ ރަތްބޮކި ނާސިފަށް ދައްކައިލިއެވެ.

"ފަށާ!" އޭނަ އެދުނެވެ.

ނާސިފު އިރުކޮޅެއް ވަންދެން ވިސްނަން އިނެވެ. ފާލަން މަތީގައި ހުރި ހިބާއާ ދިމާއަށް ބަލައިލިއެވެ. ހިބާ ހަނާއަޅައިލި ވެސް މެއެވެ.

"ތެދަށް ވާހަކަ ދައްކާށޭ ބުނީމަ ދެން ޖެހޭނީ ތެދަށް ވާހަކަ ދައްކަން،" ނާސިފު ބުންޏެވެ. "އެކަމަކު އަޑުއަހާކަށް ފަސޭހައެއް ނުވާނެ. ފުރަތަމަ ކަމަކީ، ހިބާ މަރެއް ނުވޭ! ދެވަނަ ކަމަކަށް، ހޮސްޕިޓަލާ ޕޮލިސް ސްޓޭޝަން ތިހިރީ ވިކިފަ. އެއީ ތެދަކީ! ރަސްކަލުންނާ، ޕްރައިމްމިނިސްޓަރުންގެ އަތުން ރިޝްވަތު ނަގައިގެން ތި އުޅެނީ. ކަލޭމެން ތިހާ ބާރުގަދަ އިރު އަހަރެން މަރާލީމަ ނިމުނީނު. ކީއްވެ އެހެން ނަހަދަނީ؟ އަހަރެން ބުނަން؟ ކަލޭމެން ބޭނުންވަނީ އަހަރެން މޮޔަ ކޮށްލަން. އެ ކަމެއް ނުވާނެ. ކީއްވެ ނުވާނީ؟ ހިބާ މަރު ނުވާކަން އަހަންނަށް ޔަގީންވާތީ!"

ފުލުސްމީހާ ފުރަތަމަ އައީ ރުޅިއެވެ. އެހެނަސް، ނާސިފުގެ ބުއްދި ގޯސްވެފައިވާ ވަރު ފެނިފައި އޭނަގެ ހިތުގައި ކުލުނު އުފެދުނެވެ.

"ކިހިނެއް ޔަގީން ވަނީ؟" ފުލުސްމީހާ އެހިއެވެ.

"ޕޮލިހުން އަހަންނަށް ފާރަލައެއްނު؟ މި ތަނަށް ވެސް އާދެއެއްނު؟ ދެން ކީއްވެ އޭނަ ނުފެންނަނީ؟" ހިބާއަށް އިޝާރާތްކޮށްފައި ނާސިފު ބުންޏެވެ. "ހިބާގެ މަރާ ގުޅިގެން އަހަންނާ ސުވާލެއް ނުވެސް ކުރެވޭނެ. އެއީ ބޭކާރު ކަމެއް."

"ތީ ތެދެއް!" ރިކޯޑަރު ހުއްޓައިލަމުން ފުލުސްމީހާ ބުންޏެވެ. "ނިއްވާލީ! އެކަމަކު މި ތަނަށް ނާސިފު ދޫކޮށްލާފަ ދާކަށް އަހަންނަކަށް ނުކެރޭނެ. ހިނގާ ހޮޓަލަށް."

ނާސިފު ހޮޓަލަށް ލާފައި ފުލުސްމީހާ ދިޔައެވެ. ކޯރު ކައިރީގައި ހިބާ ބަހައްޓާފައި އާދެވުމަކުން ނާސިފު ކަންބޮޑެއް ނުވެއެވެ. ނާސިފަށް ވުރެ ކުރިން ހިބާ އައިސް ކޮޓަރީގައި އިންނާނެކަން އެނގޭތީއެވެ. ވީ ވެސް އެހެންނެވެ. އާ ހެދުމެއް ލައިގެން، ނަލަ ގޮތަކަށް އިށީނދެލައިގެން، ނާސިފުގެ އިންތިޒާރުގައި ހިބާ އިނެވެ.

"އަދި ބުނެފިއޭ ހިބާގެ މަރުގެ ތަހުގީގޭ،" ހިބާ ކައިރީގައި، ސޯފާގައި އިށީނދެލަމުން ނާސިފު ބުންޏެވެ.

"ދެއްކީމަ ވެސް އޭނަ ފެންނަ ކަމަކަށް ނެހެދި."

"ފެންނާނީ އެ މީހަކު ބަލަން ބޭނުންވާ އެއްޗެއް،" ހިބާ ބުންޏެވެ. "އަހަރެން ހިތަށް ވެސް އެރިޔޭ ކީއްވެހޭ ޕޮލިސްއަށް އަަހަރެން ދެއްކީ. ދެން އެކަކަށް ވެސް އަހަރެން ނުދައްކާތި! އަހަންނާ ބެހޭ ވާހަކައެއް ވެސް ނުދައްކާތި!"

ނާސިފު އެއްބަސްވިއެވެ. ހިބާ މަރު ނުވާކަން އެއީ ނާސިފު އާއި ހިބާގެ މެދުގައި ކަފުން ކުރެވުނު ބޮޑު ސިއްރެކެވެ.

"މިއަދު ކްލާސް ކިހިނެއް؟" ހިބާ އެހިއެވެ.

"ވަރަށް ބޯރިންގް!" އާފުރެމުން ނާސިފު ބުންޏެވެ. "ހިބާގެ ކްލާސް ކިހިނެއް؟"

"މިހާރު އަހަންނަށް ކްލާސް މުހިންމެއް ނޫން،" ނާސިފު ގައިގަ ލެނގިލަމުން ހިބާ ބުންޏެވެ. "މިރޭ ކޮން ކަމެއް އޮތީ؟ ހިނގާލަން ދަމާ!"

"ސަޅި އައިޑިޔާއެއް." ނާސިފު އެއްބަސްވިއެވެ.

ހޮޓަލުގެ މީހުންނަށް ފެންނަން ފެށީ ނާސިފު އެކަނި އުޅޭ ތަނެވެ. ރޭގަނޑު ހޮޓަލުން ނުކުމެފައި ދަންވަރު ވެސް ނާސިފު އާދެއެވެ. ރެސްޓޯރަންޓަށް ގޮސްފައި މުޅީން ވެސް އޯޑަރު ކުރަނީ ދެ މީހުންނަށެވެ. ނާސިފު އިށީނުމުގެ ކުރިން ކުރިމަތީގައި ހުންނަ ގޮނޑި ދުރުކޮށްލަދެއެވެ. އެ ގޮނޑީގައި މީހަކު "އިށީނދެއެވެ." ކޮފީ ގެނަޔަސް ދެ ތަށި ގެނުވައެވެ. ނާސިފު ކުރިމަތީގައި މީހަކު އިންނަ ކަހަލައެވެ. އެ މީހަކާ ނާސިފު ވާހަކަ ދައްކައެވެ. ހީނހަދައެވެ. ތެދުވެގެންދާ އިރު ނާސިފު ދަނީ އެ މީހަކާ އެކުގައެވެ.

ކޮޓަރިއަށް ކާން ގެނަޔަސް އޯޑަރު ދެނީ ދެ މީހުންނަށެވެ. ކާން ބޭނުން ކޮށްފައި ހުންނަނީ އެއް ތަށްޓެވެ. އަނެއް ތަށްޓަށް އަޅާފައި ހުންނަ ކާ އެއްޗެހި ހުރި ގޮތަށް ހުންނަނީއެވެ. ކާން ގެންނަ ވެއިޓަރާއި ހޮޓަލުގެ ބައެއް މުވައްޒަފުންނާ ނާސިފު ވާހަކަ ދައްކައެވެ. ދައްކާ ވާހަކައިން ނާސިފަކީ ބުއްދި ހަމަނުޖެހޭ މީހެއް ހެނެއް ހިޔެއް ނުވެއެވެ. މޮޔަ ކަމެއް ވެސް ނާސިފު ނުކުރެއެވެ.

ހިބާގެ މައިންބަފައިން އިންޑިޔާއަށް އައިސް ނިންމީ ހިބާގެ ގަބުރު މާލެ ގެންދާށެވެ. އެ މީހުން ނާސިފުއާ ވެސް ބައްދަލުކުރިއެވެ. ނާސިފު ކިޔައިދިނީ އެ މީހުން އަޑުއަހަން ބޭނުންވާ ގޮތަށެވެ. ފުލުހުންގެ ރިޕޯޓުގައި ލިޔެފައިވާ ގޮތަށް ދަސްކޮށްގެން ގޮސް އެ ރިޕޯޓު ކިޔައިދިނެވެ. ނާސިފު ކޮޓަރިއަށް ވަން އިރު ހިބާ އޮތީ ހޭނެތިފައެވެ. ފަހުން ކޯމާއަކަށް ގޮސް ހޭނާރައި މަރުވީއެވެ. ތަފާތަކީ، ހިބާގެ އާއިލާ މީހުން ދެރަވި ވަރަށް ނާސިފު ދެރަނުވުމެވެ. އެ މީހުން ރުއި ވަރަށް ނާސިފު ނުރުއިމެވެ. މަރު ނުވާ މީހަކު މަރުވި ކަމަށް ހަދައިގެން ރޯން ނާސިފަށް އުނދަގޫވީއެވެ.

ހަމަޖެހިފައިވާ ގޮތުން ހިބާގެ ކޯސް ތަންކޮޅެއް ކުރިން ނިމެއެވެ. ކުރިން މާލެދަނީ ވެސް ހިބާއެވެ. އެހެނަސް، ނާސިފު ބުނެގެން ހިބާ މަޑުކުރީއެވެ. މާލެ އައީ ދެ މީހުން އެކުގައެވެ. ހިބާ އިނީ ނާސިފުއާ ޖެހިގެންނެވެ. ނާސިފު ވަރަށް ހައިރާންވި ކަމެއް ހިނގިއެވެ. ބޯޓުން ކާއެއްޗެހި ގެނައި އިރު ހިބާއަކަށް ނުގެނެއެވެ. ނާސިފު ޖެހުނީ ބުނެ ކިޔައިގެން ހޯދާށެވެ.

މާލެ އައީ އިންޑިޔާއަށް ފުރި ނާސިފެއް ނޫނެވެ. ނާސިފުގެ އާއިލާ މީހުންނަށް އެ ކަން ފާހަގަވިއެވެ. އޮފީހުގައި ވެސް ނާސިފަކީ މުޅީން އެހެން މީހެކެވެ. އުޅޭ ގޮތާއި ކަންކަން ކުރާ ގޮތާއި ވާހަކަ ދައްކާ ގޮތް ވެސް ތަފާތެވެ. ހިބާ "އިންނަ" ބަޔަށް ނާސިފު ބޯދިއްކޮށްލައެވެ. އެއީ ވަރަށް ގިނައިން ނާސިފު ކުރާ ކަމަކަށް ވިއެވެ. މީހަކާ ވާހަކައެއް ނުދައްކައެވެ. މީހުންނަށް ފެންނަނީ، ކުރިން ހިބާ އިން ގޮނޑިއަށް ބަލައިލާފައި ނާސިފު ދާތަނެވެ. ނާސިފުގެ ފަރާތުން ކުރިން ފެނުނު ހީވާގި ކަމާއި ފެންވަރު މަޑުމަޑުން ދަށަށް ދިޔައެވެ. ހަމަ އެކަނި ގޮނޑި ހޫނުކޮށްލަން އަންނަ މީހަކަށް ނާސިފު ވިއެވެ. އަދީލް އެތައް ފަހަރަކު ނާސިފުއާ ވާހަކަ ދެއްކިއެވެ. ސަބަބު އޮޅުންފިލުވަން މަސައްކަތް ކުރިއެވެ.

"ވެގެން އުޅޭ ގޮތް ކިޔައިދީގެން ނޫނީ އަހަންނަކަށް ހެލްޕެއް ނުވެވޭނެ،" އަދީލް ބުންޏެވެ. "އަނެއްކޮޅުން އަހަންނަށް މަތިން ނުލާހިކު ޕްރެޝަރ އެބަ އާދޭ!"

އެ ދުވަހު ނާސިފު ދިޔައީ ކެނޑޭ ސިޓީ ހިފައިގެންނެވެ. ރައްޓެހިކަމުގެ ނާޖާއިޒު ފައިދާނަގާކަށް ނާސިފު ބޭނުމެއް ނޫނެވެ. ހިބާ އާއި ނާސިފުގެ މެދުގައި ކަފުންކޮށްފައިވާ ސިއްރު ބޭޒާރު ކުރާކަށް ވެސް ބޭނުމެއް ނޫނެވެ. ވީމައި އޮފީހުން ކެނޑުނީއެވެ. އަދީލް ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އެއްވެސް ފައިދާއެއް ނުކުރިއެވެ. ނާސިފުގެ ހަޔާތަށް އައި ފަޅުކަމާއި އެކަނިވެރިކަން އެކުވެރިއަކަށް ހަދައިގެން ކޮޓަރިއަށް ވަން ގޮތަށް ދެނެއް ބޭރަކަށް ނުނިކުމެއެވެ. ނާސިފުގެ މުޅި ދުނިޔެއަކީ ކޮޓަރިއެވެ.

ނާސިފުގެ ބައްޕަ މުނާޒު އާއި މަންމަ ފައިރޫޒާ އާއި ކޮއްކޮ އަސްޖަދަށް ވެސް ނާސިފަށް ވީ ކިހިނެއް ކަމެއް ނޭނގެއެވެ. ކޮންމެ މީހަކު ވެސް އެ މީހަކަށް ފެންނަ ގޮތް ގަބޫލު ކޮށްގެން، އެ ވާހަކަ ނުދައްކައި ހުރީއެވެ. އެކެއްގެ ނަޒަރުގައި ނާސިފު މާ ގިނައިން ކިޔެވީމައި ބޯސަކަރާތްވީއެވެ. އަނެކަކު ނިންމީ، އުންމީދުކުރި ވަރުގެ ބޮޑު މަގާމެއް ނުލިބުމުން ނާސިފު ވަޒީފާ އަދާކުރަން ފޫހިވީ ކަމަށެވެ. ތިންވަނަ މީހާ ނިންމީ، ކައިވެނި ކުރަންވާ އުމުރު ފަހަނައަޅައިދިޔުމުން އިންނާނެ މީހަކު ނުވީ ކަމަށެވެ. އެ ހިތްދަތިކަން މާ ބޮޑުވީ ކަމަށެވެ.

ދަންވަރުގެ ވަގުތެވެ. ކޮޓަރީގައި އެއްވެސް އަލިކަމެއް ނެތެވެ. ތަޅުންގަނޑުގައި އިށީނދެލައިގެން، ފާރުގައި ލެނގިލައިގެން، މަޑުމަޑުން ބޯޖަހައިލަޖަހައިލާ ނާސިފު އިނެވެ. އެއްވެސް ކަމެއް މެދުވެރިވަނީ އެންމެ ސަބަބަކާ ހެދިއެއް ނޫނެވެ. ބޮޑު ހާދިސާއެއް ހިނގަނީ، ކުދިކުދި އެތައް ހާދިސާއެއް ލާމެހިގެންނެވެ. ލޯބި ނުލިބުމާއި މާޔޫސްވުމާއި އަމިއްލަ ނަފުސު ކުށްވެރި ކުރުމަކީ ހަޔާތެއް އިންދިރާސް ވުމަށް ދައުވަތު ދެވޭ ނުރައްކާތެރި ރަހަފަތެކެވެ.

"އަހަރެން ލޯބިތަ؟" ކުރިމަތީގައި އިން ހިބާ، ދަތްދޮޅީގައި އަތްވިއްދާލައިފައި، ހިނިތުންވެލާފައި އެހިއެވެ.
ނާސިފު ހިނިތުންވެލިއެވެ. ހިބާ ފެންނަހައި ހިނދަކު ނާސިފުގެ ތުންފަތަށް ހިނިތުންވުން ވެރިވާނެއެވެ. އެއީ ހަމަ އަޖައިބެކެވެ. އެހައި ވެސް ރީތި ކުއްޖެކެވެ. (ނިމުނީ)