އާންމު ވެހިކަލްތަކަށް ހޮނިހިރު ދުވަހުގެ ރޭ ފަސް ވަރަކަށް ގަޑިއިރަށް އެއާޕޯޓަށް ނުވަދެވޭނެ
އާންމު ވެހިކަލްތަކަށް ހޮނިހިރު ދުވަހުގެ ރޭ ފަސް ވަރަކަށް ގަޑިއިރަށް އެއާޕޯޓަށް ނުވަދެވޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ރަސްމިއްޔާތު ކުރިއަށް ގެންދާ ވަގުތުގައި އާންމު ވެހިކަލްތަކަށް ފަސް ވަރަކަށް ގަޑިއިރަށް އެއާޕޯޓަށް ނުވަދެވޭނެ ކަމަށް އެމްއޭސީއެލުން މިރޭ ބުނެފި އެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އާ ޓާމިނަލް ހުޅުވުމަށް ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތުގެ އެންމެހައި ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް، އެ ދުވަހު އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެ ރޭ 7:00 އިން ފެށިގެން 11:30 އަށް އާންމު ވެހިކަލްތަކަށް އެއާޕޯޓް ބަންދުވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

• އެއާޕޯޓަށް ވަންނަ މަގާއި ޓާމިނަލް ސަރަހައްދަށް ވަދެވޭނީ ހުއްދަ ދީފައިވާ އުޅަނދުތަކަށް އެކަނި.

• އެ ވަގުތުތަކުގައި ޓެކްސީ އާއި އަމިއްލަ މީހުންގެ އުޅަނދުތަކަށް އެއާޕޯޓުގެ ޕޮލިސް ޕޯސްޓާއި އިރުމަތީ ފަރާތު ޕާކިން ސަރަހައްދަށް މަޑުކޮށް، ޓާމިނަލް ސަރަހައްދަށް ދިއުމަށް އެމްއޭސީއެލްގެ އުޅަނދުތަށް އެރޭނެ އިންތިޒާމު ހުންނާނީ ހަމަޖައްސައިފައި.

• މި ބަދަލު ގެނަޔަސް، މާލެ އާއި ހުޅުމާލެއިން ހުޅުލެއަށް ދަތުރުކުރާ ފެރީތަކާއި ބަސްތަކުގެ ހިދުމަތް މެދުކެނޑުމެއް ނެތި ލިބޭނެ.

"މިފަދަ ކޮންމެ ވަގުތެއްގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ،" އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ލަމްއާން މިދިޔަ އާދިއްތަ ދުވަހު "މިހާރު" އަށް ވިދާޅުވި ގޮތުގައި، އާ ޓާމިނަލް ހުޅުވުމަށް މާލެ ސަރަހައްދުގައި ކުލަގަދަ ހަރަކާތްތަކެއް ބާއްވާ ވަގުތާ ދިމާކޮށް ދޮޅުގަޑިއިރަށް އެ އެއާޕޯޓުގެ ވައިގެ ސަރަހައްދު ބަންދުކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ލަމްއާން ވިދާޅުވީ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާ ގަޑީގައި ދަތުރުކުރާ ފަސިންޖަރުންނަށް ހާއްސަ އިންތިޒާމުތަކެއް ވެސް ހަމަޖައްސާފައިވާނެ ކަމަށެވެ.

"އެ ގަޑީގައި ފުރަން އަންނަ މީހުން ޕޮލިސް ޗެކް ޕޯސްޓާ ހިސާބުން އަޅުގަނޑުމެންގެ ވެހިކަލްއަކަށް ޓްރާންސްފާ ކޮށްގެން ޓާމިނަލަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފައި. އާންމު އުޅަނދުތަކަށް އެ ވަގުތު އެއާޕޯޓަށް ނުވަދޭނެ،" އޭނާ ވިދާޅުވި އެވެ.

ވައިގެ ސަރަހައްދު ދޮޅުގަޑިއިރަށް ބަންދުކުރި ނަމަވެސް، ފްލައިޓްތަކުގެ ޗެކިން މެދުކަނޑާނުލައި ކުރިއަށް ގެންދާނެ ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ އާންމުންނަށް ފުރުމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.