ޣައްޒާގައި ކާން ނުލިބިގެން 21 ކުޑަކުދިން މަރުވެއްޖެ
ޣައްޒާގައި ކާން ނުލިބިގެން 21 ކުޑަކުދިން މަރުވެއްޖެ

އިޒްރޭލުގެ ހަމަލާތަކާއި ހިސާރުގެ ސަބަބުން ކާބޯތަކެތި ހުސްވެ ހާލުގައިޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގައި، ރަނގަޅު ކާނާ ނުލިބިގެންނާއި ހައިހޫނު ކަމުގެ ސަބަބުން 21 ކުޑަކުދިން މަރުވެއްޖެ ކަމަށް ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ދެ މިލިއަނަށް ވުރެ ގިނަ މީހުން އުޅޭ ޣައްޒާގެ އާބާދީއަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ތަކެތި ލިބޭނެ މަގުތައް ބަންދުކޮށް އިޒްރޭލުން ދިން އެއްޗެއް ނޫނީ ނުލިބޭ ގޮތް ހަދާފައި ވާއިރު ކާބޯތަކެތި ބަހާ ތަންތަނުގައި ވެސް ވަނީ މީހުން ގިނަވުމާއި އިޒްރޭލުގެ ހަމަލާތަކުގައި ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދުވަމުންނެވެ.

"ޣައްޒާގެ އެކި ސަރަހައްދުތަކުން ވަނީ ރަނގަޅު ކާނާ ނުލިބިގެން ކުރިމަތިވި މައްސަލަތަކާއި ހައިހޫނު ކަމުގެ ސަބަބުން 21 ކުއްޖަކު މަރުވެފައި،" ޣައްޒާގެ އައް ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ވެރިޔާ މުހައްމަދު އަބޫ ސަލްމިއާ ނޫސްވެރިންނަށް ވިދާޅުވި އެވެ.

އަބޫ ސަލްމިއާ ވިދާޅުވީ ޣައްޒާގައި މިހާރު ކިރިޔާ ހިންގޭ ހާލަތުގައި ހުރި ހޮސްޕިޓަލްތަކަށް، ހައިހޫނުކަމުގެ ސަބަބުން މައްސަލަތައް ކުރިމަތިވެފައިވާ ކުދިންގެ އާ ކޭސްތައް ކޮންމެ ދުވަަހަކު ލިބެމުން އަންނަ ކަމަށެވެ.

"ޣައްޒާއަށް ކުރިމަތިކޮށްފައިވާ ހައިހޫނުކަމުގެ ސަބަބުން، ކަންބޮޑުވާ ދަރަޖައަކަށް މީހުން މަރުވެދާނެ ހާލަތަކާ ދިމާލަށް މި ދަނީ،" އޭނާ ވިދާޅުވި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އިއްޔެ ވަނީ ޣައްޒާގައި މީހުން މެރުމާއި ތަންތަން ހަލާކުކުރުން އާންމުވެފައި އޮތީ ބިރުވެރި ފިލްމެއްގައި ވެސް އެކަން ފެންނަ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ. އަދި މިވަރުގެ އަނިޔާވެރިކަމެއް އަދި ނުފެންނަ ކަމަށް ވިދާޅުވި އެވެ.

ޣައްޒާއަށް އިޒްރޭލުން ހަމަލާދޭތާ ދެ އަހަރުވާން ކައިރިވެފައި ވާއިރު ހައިހޫނުކަން ވަނީ މިއިން ދުވަހަކު ގޯސްނުވާ ވަރަށް މިހާރު ގޯސްވެފަ އެވެ. އދ. އިން މިއަދު ބުނި ގޮތުގައި ކާބޯތަކެތި ހޯދަން މީހުން ދާ އެހީގެ މަރުކަޒުތަކުގެ ކައިރީ އެކަނި ވެސް އިޒްރޭލުން ވަނީ ހާހަކަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފަ އެވެ.

ޣައްޒާގައި އިޒްރޭލުން މިހާތަނަށް ވަނީ 86،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.