22 ޖުލައި 2025 - 18:24

މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ގެއިން ނުކުމެގެން ދިޔަ ގޮތަށް ގެއްލިފައިވާ ހަސަން ޔާމީން ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ގ. ގާނެޓް، އުމުރުން 30 އަހަރުގެ ޔާމީން ސިނަމާލެ ބްރިޖުން ފުންމާލާތަން ފެންނަނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވެ 3:24 ގައި ކަމަށެވެ.
ޔާމީން ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ 14 ވަނަ ދުވަހު އެވެ. އާއިލާއާ ހަވާލާދީ ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ޔާމީން ގެއިން ނުކުމެގެން ދަނީ 11 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު އެވެ.
ފުލުހުން ބުނީ ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ބެލުމުގެ ތެރޭ، ޔާމީން ފުންމާލާ މަންޒަރު ފެނިފައި ވާތީ އެކަން އާއިލާއާ ހިއްސާކޮށް އާއިލާއާ ވަރަށް ގާތުން ތަހުގީގު ޓީމުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގަށް ލިބުނު މި މައުލޫމާތާ ގުޅިގެން، މެރިން ޕޮލިހާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑު ގުޅިގެން ހަސަން ޔާމީން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ." ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.
ފުލުހުން ވަނީ މި މައްސަލައާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އެދިފަ އެވެ.