ވައި މަޑުވާނެ ކަމަށް ލަފާކުރެވެނީ ހުކުރު ދުވަހުގެ ފަހުން: މެޓް
ވައި މަޑުވާނެ ކަމަށް ލަފާކުރެވެނީ ހުކުރު ދުވަހުގެ ފަހުން: މެޓް

މި ދުވަސްވަރު ޖެހޭ ބާރު ވައި މަޑުވާނެ ކަމަށް ލަފާކުރެވެނީ މި އަންނަ ހުކުރު ދުވަހުގެ ފަހުން ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ވަރަށް ބޮޑަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިހާރު ވައި މަޑުވެ، ކަނޑުތައް ވެސް މަޑުވާން ވަނީ ފަށައިފަ އެވެ. އެކަމަކު، އުތުރުގެ އަތޮޅުތަކަށް އަދިވެސް ވައިބާރުވެ، ކަނޑުތައް ވެސް ގަދަ އެވެ.

"މުޅި ރާއްޖެއަށް ވައި މަޑުވާނެ ކަމަށް ލަފާކުރެވެނީ ހުކުރުގައި،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ދުވަސްވަރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިދިޔަ ބުދަ ދުވަހު މެޓް އޮފީހުން ވަނީ މޫސުމީ އިރުޝާދު ވެސް ނެރެފަ އެވެ.

ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުގައި، މިއަދަކީ ހުޅަނގު މޫސުމުގެ ފުސް ނަކަތުން 8 ވަނަ ދުވަހެވެ. މި ނަކަތުގައި އާންމު ގޮތެއްގައި އުޑުމަތި އޮންނަނީ ބަނަކޮށެވެ. ދޭތެރެއަކުން ކެރީގެ އަސަރު ކުރެ އެވެ. އަދި މިއީ މަސްވެރިކަން ވެސް ރަނގަޅުވާ ދުވަސްވަރެކެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.