22 ޖުލައި 2025 - 16:48

މީގެ 25 އަހަރު ކުރިން އައްޑޫ ހިތަދޫ ކޯޓުން ނިންމި މައްސަލައެއް ހައި ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދީފި އެވެ.
ހިތަދޫ ކޯޓުން 2000 ވަނަ އަހަރު ނިންމި އެ މައްސަލަ އަކީ ގެއެއް ބެހުމުގެ މައްސަލައެއް ކަމަށް އެނގިފައިވެ އެވެ. އަދި މިއީ ފަހުގެ ތާރީހެއްގައި މިހާ ގިނަ ދުވަސް ފަހުން މައްސަލައެއް އިސްތިއުނާފުކުރުމުގެ ހުއްދަ ދިން ފަހަރެވެ.
ހައި ކޯޓުގައި މައްސަލައެއް އިސްތިއުނާފުކުރުމަށް އާންމު އުސޫލުން ލިބެނީ 60 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ވަކި ހާލަތްތަކެއްގައި، މި މުއްދަތުގެ ފަހުން މައްސަލަ ބަލައިގަތުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު ލިބިގެންވެ އެވެ.
ނަމަވެސް މި މުއްދަތުގައި އެ މައްސަލަ ހުށަނޭޅުނީ، އިސްތިއުނާފުކުރާ އަންހެން މީހާ އަކީ ބުއްދީގެ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށްވެފައި، އެ ހާލަތު އަދިވެސް އެހެން އޮތުމުގެ ފުރުސަތު އޮތުމުން ކަމަށް، މައްސަލަ ހުށަހެޅުމުގެ ހުއްދަ ހައި ކޯޓުން ދީ އެކަމާ މެދު ނިންމި ނިންމުމުގައިވެ އެވެ.
އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމުގައިވާ ގޮތުން ހިތަދޫ ކޯޓުން މައްސަލަ ނިންމާފައިވަނީ ވެސް، މައްސަލަ އިސްތިއުނާފަށް ހުށަހެޅި ފަރާތުގެ ޣައިރު ހާޒިރުގަ އެވެ.
މި މަހުގެ 16 ވަނަ ދުވަހު މި ހުއްދަ ދެއްވީ ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ދީބާނާޒް ފަހްމީގެ އިއްތިފާގުންނެވެ.