22 ޖުލައި 2025 - 15:08

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ، އެސްޓީއޯ ފްލެޓްތަކުގެ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މެންދުރު 12:22 ހާއިރު ކަރަންޓް ކެނޑުނީ ހިޔާ ފްލެޓްތަކުގެ އިތުރުން އެމްއޭސީއެލް އާއި ސްޓެލްކޯ އާއި އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީގެ ފްލެޓްތަކުގެ އިތުރުން ހަސަން އާދަމް މިސްކިތުންނެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު "މިހާރު" އަށް ވިދާޅުވީ އެ ސަރަހައްދުން ކަރަންޓު ކެނޑުނީ އެސްޓީއޯގެ ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ބަހައްޓާފައިވާ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުން ކަމަށެވެ.
ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން މިހާރު ކަރަންޓު ނުދެވެނީ ހަމަ އެކަނި އެސްޓީއޯ ހިޔާ އާއި މިސްކިތަށް ކަމަށޤ އޭނާ ވިދާޅުވި އެވެ.
"ސްޓެލްކޯ މުވައްޒަފުން މަސައްކަތް ކުރަމުން އެ ގެންދަނީ މައްސަލަ ހައްލުކޮށް، މިހާރު ނުދެވި ހުރި ތަންތަނަށް ވެސް ކަރަންޓު ދޭން،" އަހުމަދު ވިދާޅުވި އެވެ.