22 ޖުލައި 2025 - 11:43

އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތަކަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރު 10 ޕަސެންޓަށް އިތުރު ކޮށްފި އެވެ.
އެމްއެމްއޭ އިން މިއަދު ބުނީ، މި ހަފުތާއިން ފެށިގެން އެ ބަދަލު ގެނެސްފައިވާ ކަމަށެވެ.
އޭގެ ނަތީޖާއަކީ އެމްއެމްއޭ އިން ބުނިގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ އަދަދު 40 ޕަސެންޓަށް އިތުރުވުމެވެ.
މިދިޔަ ޖޫން މަހުން ފެށިގެން ކޮންމެ ހަފުތާއަކު ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ ބޭރު ފައިސާ ވެސް 60 ޕަސެންޓުން 90 ޕަސެންޓަށް މަތިކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެކަމަކު، އެމްއެމްއޭ އިން ބުނީ ބޭންކުތަކުން އިތުރަށް މާރުކުރާ 30 ޕަސެންޓު އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފުތާއަކު އަންނަނީ ވިއްކަމުން ކަމަށެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ކޮންމެ ހަފުތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށް ވުރެ ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭއިން އިން ބޭންކުތަކަށް އަނބުރާ ދޫކުރާ 30 ޕަސެންޓު ބޭނުންކުރަނީ ހާއްސަ ކަންތައްތަކަކަށެވެ. އޭގެ ތެރޭގައި، އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތަކަށް ހޭދަކުރުން ހިމެނެ އެވެ.
"އަދި މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރެ އެވެ،" އެމްއެމްއޭ އިން ބުންޏެވެ.
މަރުކަޒީ ބޭންކުން ބުނިގޮތުގައި، ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު މިހާރު އުޅެނީ 30 ޕަސެންޓުގަ އެވެ. އެކަމަކު، އަމާޒަކީ އެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 ޕަސެންޓަށް ބޮޑުކުރުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.