ޔުނައިޓެޑުން އެމްބަމޯ ސޮއިކުރުވައިފި، އަދިވެސް އިތުރު ކުޅުންތެރިންނަށް ބިޑްކުރަނީ
ޔުނައިޓެޑުން އެމްބަމޯ ސޮއިކުރުވައިފި، އަދިވެސް އިތުރު ކުޅުންތެރިންނަށް ބިޑްކުރަނީ

ދިގުދެމިގެންދިޔަ ޓްރާންސްފާގައި ބްރަޔަން އެމްބަމޯ އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފި އެވެ.

ކެމެރޫންގެ ފޯވާޑް ސޮއި ކުރުވަން ޔުނައިޓެޑުން ވަނީ އޭނާގެ ކުރީގެ ކްލަބް ބްރެންޓްފޯޑަށް 71 މިލިއަން ޑޮލަރު ދީފަ އެވެ. މީގެ ދެ ހަފުތާ ކުރިން ޔުނައިޓެޑާ އެކު އެއްބަސްވުމަކަށް ދިޔަ ފަހުން ބްރެންޓްފޯޑުން ޓްރާންސްފާގެ މަސައްކަތް މަޑުޖައްސާލި އެވެ.

ޔުނައިޓެޑްގެ ސަޕޯޓަރުން ތުހުމަތު ކުރަނީ ބްރެންޓްފޯޑުން ޔުނައިޓެޑްގެ ޑީލް އެހެން ކްލަބްތަކަށް ލީކު ކުރި ކަމަށެވެ. މިދިޔަ ހަތް އަހަރު ބްރެންޓްފޯޑަށް ކޯޗުކޮށް ދިން ޓޮޓްނަމް ހޮޓްސްޕާސްގެ މިހާރުގެ ކޯޗު ތޯމަސް ފްރޭންކަށް ވެސް ބްރެންޓްފޯޑުން އެ މައުލޫމާތު ފޯރުކޮށްދިންކަމުގެ ތުހުމަތު ޔުނައިޓެޑްގެ ސަޕޯޓަރުން ކުރި އެވެ.

އާ ސީޒަނަށް ޓޮޓްނަމް ވަރުގަދަ ކުރުމުގެ ގޮތުން އެމްބާމޯ ގެންދަން އެ ކަލްބުން މަސައްކަތް ކުރި އެވެ. އެމްބާމޯގެ ޓްރާންސްފާއާ ބެހޭގޮތުން ޔުނައިޓެޑުން ކުރި މަޝްވަރާތަކުގެ ތަފުސީލު ނިއުކާސަލް ޔުނައިޓެޑާ އެކު ވެސް ބްރެންޓްފޯޑުން ހިއްސާކުރި ކަމަށް ތުހުމަތު ކުރެވެ އެވެ.

ޓޮޓްނަމް ނުވަތަ ނިއުކާސަލްގެ ތެރެއިން ކްލަބަކަށް ބަދަލުވުމަށް ވެސް ބްރެންޓްފޯޑުން އެމްބާމޯ އަށް ބާރުއެޅި އެވެ. ނަމަވެސް އޭނާ ނިންމީ ޔުނައިޓެޑަށް ބަދަލު ނުވެވޭނަމަ ބްރެންޓްފޯޑްގައި މަޑުކުރާށެވެ.

އުމުރުން 25 އަހަރުގެ އެމްބާމޯއަކީ، ޔުނައިޓެޑް އަލުން ބިނާކުރުމަށް އެ ޓީމުގެ ކޯޗު ރުބެން އަމޯރިމްގެ ލިސްޓްގެ އެންމެ ކުރީގައި ހިމެނޭ ކުޅުންތެރިޔާ އެވެ. މިހާހިސާބުން އަދި ޓްރާންސްފާގެ މަސައްކަތް ނިންމާލާކަށް އަމޯރިމް ބޭނުމެއް ނުވެ އެވެ. އިތުރު ހަތަރު ކުޅުންތެރިޔަކަށް ޔުނައިޓެޑުން ބިޑް ކުރާނެކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކީޕަރު އަންޑްރޭ އޮނާނާ ދޫކޮށްލުމަކީ އަމޯރިމްގެ ޕްލޭނުގައި އޮތް ކަމެކެވެ. އޮނާނާގެ ބަދަލުގައި އަމޯރިމް ބޭނުންވަނީ ޕޯޗުގަލްގެ ގައުމީ ކީޕަރު ޑިއޭގޯ ކޮސްޓާ އެވެ. އެކަމަކު ޕޯޓޯގެ ކީޕަރަށް ޔުނައިޓެޑުން އަދި ބިޑެއް ނުކުރެ އެވެ.

ޑިފެންސް ވަރުގަދަ ކުރަން އަމޯރިމް ބޭނުންވާ ކުޅުންތެރިޔަކީ ސްޕޯޓިންގައި އޭނާގެ ކޯޗުކަމުގެދަށުން ކުޅުނު ގޮންސާލޯ އިނާސިއޯ އެވެ. ކްރިސްޓިއަން އެރިކްސަން ޔުނައިޓެޑް ދޫކޮށްލުމާ އެކު މިޑްފީލްޑަށް އިތުރު ކުޅުންތެރިޔަކު ސޮއި ކުރުވަން އަމޯރިމް ބޭނުންވެ އެވެ. އޭނާ ގެންދަން ބޭނުންވާ ކުޅުންތެރިޔަކީ ބްރައިޓަންގެ ކާލޯސް ބަލޭބާ އެވެ.

ޕްރީ ސީޒަންގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗަށް ފަހު އަމޯރިމް ބުނީ ޓީމުގެ އެޓޭކިން-ތާޑް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. އެ ޑިޕާޓްމެންޓް ވރުގަދަ ކުރަން އޭނާ ބޭނުންވާ ކުޅުންތެރިޔަކީ ރެޑްބުލް ލައިޕްޒިގްގެ ފޯވާޑް ބެންޖަމިން ސެސްކޯ އެވެ.

މި ލިސްޓްގައި ހިމެނޭ ހުރިހާ ކުޅުންތެރިން މިހާރު ކުރިއަށްދާ ހޫނު މޫސުމުގެ ޓްރާންސްފާގައި ސޮއި ކުރެވޭނެކަމުގެ ޔަގީންކަމެއް ޔުނައިޓެޑަކަށް ނެތެވެ.