ބަންގްލާދޭޝްގައި ޖެޓް ވެއްޓި މަރުވި އަދަދު 27 އަށް، ގިނައީ ކުޑަކުދިން
ބަންގްލާދޭޝްގައި ޖެޓް ވެއްޓި މަރުވި އަދަދު 27 އަށް، ގިނައީ ކުޑަކުދިން

ބަންގްލާދޭޝްގައި އިއްޔެ ފައިޓަ ޖެޓެއް ވެއްޓުނު ހާދިސާގައި މަރުވި އަދަދު 27 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް އޮފިޝަލުން މިއަދު ބުނެފި އެވެ.

ޗައިނާގައި އުފައްދާފައިވާ އެފް-7 ބީޖޭއައި މަތިންދާބޯޓު، މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖަށް ވެއްޓުނު ހާދިސާގައި މަރުވި ގިނަ ކުދިންނަކީ ކްލާހުން ދޫކޮށްލުމުން ނުކުމެ ކޮލެޖްގެ ގޯތިތެރޭގައި ތިބި ކުދިންނެވެ.

ބަންގްލާދޭޝްގެ ފަހުގެ ތާރީހެއްގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި މި ހާދިސާގައި 170 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެސް ވެފަ އެވެ.

"މިހާތަނަށް 27 މީހަކު ވަނީ މަރުވެފައި. އޭގެ ތެރޭގައި ހިމެނެނީ 25 ކުޑަކުދިން، އަދި ދެން ހިމެނެނީ ޕައިލެޓެއް،" ހެލްތު މިނިސްޓްރީގެ ޗީފް އެޑްވައިޒަރުގެ ސްޕެޝަލް އެސިސްޓެންޓް ސައީދުއްރަހްމާން ވިދާޅުވި އެވެ.

"އެކި ހޮސްޕިޓަލްތަކުގައި 78 މީހަކަށް އަންނަނީ ފަރުވާ ދެމުން،" ރަހްމާން ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ އަސްކަރިއްޔާއިން އިއްޔެ ބުނީ ޕައިލެޓް، ފްލައިޓް ލެފްޓިނެންޓް ތައުކީރު އިސްލާމް ދުއްވި ޖެޓް ވެއްޓުނީ ޓްރެއިނިން މިޝަނެއްގައި އުޅެނިކޮށް ޖެޓަށް ދިމާވި މެކޭނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

"މިކަން ދިމާވި އަސްލު ސަބަބު ދެނެގަތުމަށް ތަހުގީގު އަންނަނީ ކުރަމުންނެވެ." ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި ޕައިލެޓް ވަނީ މީހުން ގިނަ ހިސާބަކަށް ޖެޓް ވެއްޓުނަ ނުދޭން ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު އެ މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، ޖެޓް ގޮސް ވެއްޓުނީ ދެ ބުރިއަށް ހުރި ކޮލެޖް އިމާރާތުގެ ތެރެއަށެވެ. -- އޭއެފްޕީ