ކްލަބެއްގެ ނަން ބަދަލުނުކޮށްފިނަމަ ސްޓޭޑިއަމްގެ ޑީލް މަޑުޖައްސާލާނެކަމަށް ޓްރަމްޕްގެ އިންޒާރެއް
ކްލަބެއްގެ ނަން ބަދަލުނުކޮށްފިނަމަ ސްޓޭޑިއަމްގެ ޑީލް މަޑުޖައްސާލާނެކަމަށް ޓްރަމްޕްގެ އިންޒާރެއް

އެމެރިކާގެ ނެޝަނަލް ފުޓްބޯޅަ ލީގު ނުވަތަ އެމެރިކަން ފުޓްބޯޅައިގައި ވާދަކުރާ ވޮޝިންޓަން ވޮންޑާސްގެ ނަން ބަދަލުނުކޮށްފިނަމަ، އެ ކްލަބްގެ އާ ސްޓޭޑިއަމްގެ ޑީލު މަޑުޖައްސާލާނެކަމުގެ އިންޒާރު އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ކުރިން އެ ކްލަބަށް ކިޔާ "ރެޑްސްކިންސް" ގެ ނަމަށް ކްލަބްގެ ނަން އަލުން ބަދަލު ކުރުމަށް އޭނާ ބޭނުންވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އެ ކްލަބްގެ ނަން މިހާރު ބޭނުންކުރާ ވޮޝިންޓަން ކޮމާންޑާސްގެ ނަމަށް ބަދަލު ކުރީ 2022 ގަ އެވެ.

ރެޑްސްކިންސްގެ ނަން އެ ކްލަބުން ދޫކޮށްލީ އެމެރިކާގައި އަސްލު ރަށްވެހިންނަށް މަލާމާތުގެ ނަމަކަށް އެ ނަން ވާތީ އެވެ.

އެމެރިކާގެ ބޭސްބޭލް ލީގުގައި ވާދަކުރާ ކްލީވްލޭންޑް ގާޑިއަންސްގެ ނަން ވެސް، ކުރިން އެ ކްލަބަށް ކިޔާ "ދަ އިންޑިއަންސް" ގެ ނަމަށް ބަދަލު ކުރަން ބޭނުންވާކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެކަމަކު އެ ދެ ކްލަބުން ބުނީ އަލުން ނަން ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

އާދިއްތަ ދުވަހު ޓްރަމްޕް ވިދާޅުވީ ވޮޝިންޓަން ކޮމާންޑާސްގެ ނަން ބަދަލުކޮށްފިނަމަ އެ ކްލަބަށް މާ އަގުހުރި ފުރުސަތުތައް ފަހިވާނެ ކަމަށެވެ. އެކަން ނުކޮށްފިނަމަ އޭނާ ދެއްވީ، ކްލަބްގެ ސްޓޭޑިއަމްގެ އެއްބަސްވުން ހުއްޓުވާލާނެކަމުގެ އިންޒާރެވެ.

"އަހަރެން އެމީހުންނަށް ފިޔަވަޅެއް އަޅާފާނަން، އެ ނަން އަނބުރާ އަސްލު 'ވޮޝިންޓަން ރެޑްސްކިންސް' އަށް ބަދަލު ނުކުރަންޏާ. މަލާމާތުގެ ނަން 'ވޮޝިންޓަން ކޮމާންޑާސް' ނަން ބަދަލުނުކޮށްފިނަ ވޮޝިންޓަންގައި ސްޓޭޑިއަމެއް އެޅުމަށް އެމީހުންނާ އެކު އެއްބަސްވުމެއް ނުހަދާނަން،" އޭނާގެ އަމިއްލަ ސޯޝަލް މީޑީއާ ޕްލެޓްފޯމް "ޓުރޫތު ސޯޝަލް" ގައި ޓްރަމްޕް ލިޔުއްވާފައި ވެއެވެ.

ވޮޝިންޓަންގެ ކޮލަމްބިއާ ސަރަހައްދުގައި ހުންނަ ރޮބަޓް އެފް ކެނެޑީ ސްޓޭޑިއަމްގައި، ވޮޝިންޓަން ވޮންޑާސްގެ އާ ސްޓޭޑިއަމް އިމާރާތް ވަނީ ކުރިން އިއުލާންކޮށްފަ އެވެ.

އެ ގައުމުގެ ކުރީގެ ރައީސް ޖޯ ބައިންޑަން، މިިދޔަ ޖެނުއަރީ މަހު ނިންމީ، އެ ސްޓޭޑިއަމްގެ ބިމުގެ ސަރަހައްދު ކޮލަމްބިއާގެ އަވަށު ކައުންސިލްގެ ބެލުމުގެދަށަށް ބަދަލުކުރުމަށެވެ.

ވޮޝިންޓަން ކޮމާންޑާސްގެ ހޯމް މެޗުތައް އެ ދަނޑުގައި ކުޅެމުން އަންނަތާ 30 އަހަރުވެއްޖެ އެވެ.