22 ޖުލައި 2025 - 07:24

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އަންނަ އަހަރު އެއް ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅުގެ 13 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، މަނަދޫގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ މުޅި ރާއްޖެ އަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުގެ ދަތިކަން ކަމަށެވެ. އެކަމަށް ހައްލެއް ގެނައުމަށް މި އަހަރު ވެސް ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ގެދޮރުގެ މައްސަލަ އަށް އެދެވޭ ހައްލެއް ގެނެސްދިނުމަށް ރިޔާސީ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ކަމަށާއި އެ ކަމަކު އެއް އަހަރުން ހުރިހާ ތަނެއްގެ މަސައްކަތެއް ނުފެށޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މުޅި ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އަންނަ އަހަރު 1،000 މިލިއަން (އެއް ބިލިއަން ރުފިޔާ)ގެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ ތެރެއިން، މަނަދޫގައި ވެސް ބައެއް މަޝްރޫއުތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. މިހާރު އިއުލާން ކޮށްފައިވާ 50 ހައުސިން ޔުނިޓަކީ އޭގެ އެއް ބައެވެ.
އަންނަ އަހަރު އިތުރު 50 ހައުސިން ޔުނިޓާ އެކު، އެކި އަހަރުތަކަށް ބަހާލައިގެން މަޝްރޫއުތައް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން "ހިޔާވަހި" ނަމުގައި މި ސަރުކާރުން ވަނީ ލޯނު ސްކީމެއް ތައާރަފްކޮށްފަ އެވެ. ފަސް ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ލޯނު ދޫކުރަނީ 25 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.
- އާބާދީ ބޮޑު މަނަދު އަށް ނަރުދަމާގެ މައްސަލަ ދިމާވާތާ 10 އަހަރުވެއްޖެ. އެހެންވެ، އެ މައްސަލަ ހައްލު ކުރުމާއި މަނަދޫގެ މަގު ހަދަން އަންނަ މަހު އާރުޑީސީއާ ހަވާލުކުރާނެ. އަންނަ އަހަރު ނިމެން ވާއިރަށް ނަރުދަމާ ނިޒާމް އެއްކޮށް ނިންމައި، މަގު ހަދަން ފަށާނެ.
- ހޮސްޕިޓަލްގެ އާ އިމާރާތް އަޅާނެ. އޭގެ ކުރިން ތެރަޕީ ފަރުވާތަކާއި ނަފްސާނީ މައްސަލަތަކަށް ފަރުވާ ދޭން މި އަހަރު ފަށާނެ
- ކުރީގެ ސަރުކާރުން ހަވާލުކުރި ސްކޫލުގެ އާ އިމާރާތުގެ 75 ޕަސެންޓު ނިމިފައި. އެކަމަކު، މަސައްކަތް ދިގުލައިގެންދާތީ، އެންމެ ފަހު ފުރުސަތު ދީގެން ނަމަވެސް އެކަން އަވަހަށް ނިންމައިދިނުން
- ފިޓްނެސް ރިކްރިއޭޝަން ކްލަބު ގާއިމްކުރުމާއި އައުޓްޑޯ ޖިމާއި ވޮލީ ކޯޓެއް ގާއިމްކުރުން
- އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް ރަށުގައި ހެދުން
ރައީސް ވިދާޅުވިގޮތުގައި، ސިއްހީ ދާއިރާ އަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ އެވެ. އޭގެ ތެރެއިން، ވަށައިޖެހޭ ފަރުވާ ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ރަށެއްގައި ކޮންމެ ރައްޔިތަކަށް ވެސް ވަރަށް މުހިއްމު ކަމަކަށް ވާތީ އަޅުގަނޑުމެން ވަރަށް އިސްކަމެއް މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ސިއްހީ ހިދުމަތް ގާއިމް ކޮށްދެއްވުމަށް، ވަށާޖެހޭ ސިއްހީ ހިދުމަތް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޕްރިވެންޓިވް ހެލްތު ކެއާ އަދި ބަލިވުމުން ބޭސްކުރުމަކީ އެއްކޮށް ކުރިއަށް ގެންދަންޖެހޭ ކަމެކެވެ. އޭގެ ތެރެއިން، ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކުރަން ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށާއި އަދި ވަރަށް ގިނަ ކަންކަން ނިމެމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި މަހުގެ ތެރޭގައި ބައެއް ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް ދޭ ބައެއް ތަންތަން ނިންމައި ހުޅުވާނެ ކަމަށާއި އަދި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ވެސް އެ މަސައްކަތް ދާނެކަން ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ބޭސްފަރުވާ ހޯދުމަށް މަނަދޫއިން، އެ އަތޮޅާ ޖެހިގެން އޮންނަ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ފަސޭހައިން ދިއުމަށް އާރުޓީއެލް ފެރީ ފަށަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ދަތުރުތައް ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.