22 ޖުލައި 2025 - 09:20

ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒު ކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުގެ މަންޒަކަށް ފަހު، މި ވަދެވެނީ ރާއްޖޭގެ މައި އެއާޕޯޓުގެ ޓާމިނަަލަށެވެ. އެ ތަނުގެ އެތެރެއަށް ވަދެގެން ދިޔަ އިރު އެމްއޭސީއެލްގެ ހަތަރުސަތޭކައެއްހާ މުވައްޒަފުން އުޅުނީ ފުރަން ތައްޔާރު ވެގެން ޗެކިން ކައުންޓަރުތައް ކައިރީގައި އަވަދިނެތި އެވެ. އެއީ އިއްޔެގެ އޮރާޓް ޕްރޮސެސްގެ ތެރެއިން ހިންގަމުން އަންނަ ފުލް ޓްރަޔަލްގެ ބައެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެ ހަލަބޮލިކަމުގެ ތެރެއިން، އާންމުކޮށް ބިޒީ ނުވަތަ ޕީކް ދުވަސް ދުވަހު އެ ތަނުގެ މުވައްޒަފުން އުޅޭ އަވަދިނެތި މަންޒަރު ޓާމިނަލްގެ ތެރެއިން ދިޔަ ފެންނަމުންނެވެ. ކިޔުތަކުގައި އެތައް ބަޔަކު ލަގެޖާ އެކު ތިބި އިރު، ޗެކިން ކައުންޓަރުތައް ނިމިގެން ސެކިއުރިޓީ ކްލިއަރެންސަށް ދެވަނަ ފަންގިފިލާ އަށް ދާ މަންޒަރު ފެނެ އެވެ.

އެ ހަލަބޮލި ކަމުގެ ތެރެއިން ވެސް ޓާމިނަލްގެ ކޮންމެ ދިމާލަކުން ވެސް ކުދިކުދި މަސައްކަތްތަކުގައި ލޭބަރުންނާއި މުވައްޒަފުން އަވަދި ނެތި އުޅުނެވެ. ޓާމިނަލްގައި މަސައްކަތް ކުރާ ހަތަރު ހާހެއްހާ މުވައްޒަފުންގެ ގާތްގަނޑަކަށް ކޮންމެ ދުވަހެއްގެ 12-18 ގަޑިއިރު ހޭދަ އެ ކުރަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަހު އާ ޓާމިނަލް ހުޅުވާ ހިދުމަތް ދޭށެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ އެ މަންޒަރު އެތައް ބަޔަކު ބަލަން ތިބޭއިރު މިއީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ އަދި އެންމެ އަގު ބޮޑު އެއް ޕްރޮޖެކްޓެވެ. އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އަދި ރާއްޖޭގެ އިގުތިސާދަށް ބޮޑު ބަދަލެއް ގެނުވާނެ މުހިންމު ތަނެކެވެ.

މީޑިއާ އަށް ޓާމިނަލްގެ ހިދުމަތްތައް އިއްޔެ ދައްކައިލުމަށް ގެންދިޔަ ވަގުތަކީ، އެ ތަން ހުޅުވުމުގެ ކުރިން ކޮންމެހެން ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސްގެ ތެރެއިން، ޓާމިނަލްގެ ފުލް އޮޕަރޭޝަންގެ ޓްރަޔަލް ފެށިގެން ކުރިއަށް ދިޔަ ވަގުތު ކަމުން އެތަނުގައި ހުރި 47 ކައުންޓަރުން، ފަސިންޖަރުން ދިޔައީ ހިދުމަތްތައް ހޯދަމުންނެވެ. މާބޮޑު ކިއުއެއް ނެތި ހިދުމަތްތައް ދެމުން ދިޔަ އިރު މި ވަގުތު ބޭނުންކުރާ އެތައް ޒަމާނެއް ވީ ބާ ޓާމިނަލާ ބަލާއިރު އާ ޓާމިނަލްގެ އެންމެ ބޮޑު އެއް ތަފާތަކީ ޖާގަ ވަރަށް ބޮޑަށް ތަނަސްވެފައި ހާސްކަން ކުޑަވުމެވެ.

އެހެންވެ، ކިތަންމެ ގިނަ ބަޔަކަށް ވެސް ކިޔޫގައި ޓާމިނަލްގެ އެތެރޭގައި ތިބުމުގެ ފުރުސަތު އެބަ އޮތެވެ. މިއީ ޓޫރިޒަމްގެ އެއްވަނައިގައި އޮތް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް މުޅިން އާ ތަޖުރިބާއަކަށް ވާނެ އެވެ.

- 47 ޗެކިން ކައުންޓަރު.

- ހަ ސެލްފް ސާވިސް ކައުންޓަރު.

- 20 ޑިޕާޗާ އިމިގްރޭޝަން ކައުންޓަރު.
- 28 އެރައިވަލް އިމިގްރޭޝަން ކައުންޓަރު.
- ހަ ޕެސެންޖާ ބޯޑިން ގޭޓް.
- ފަސް ބެގޭޖް ކްލެއިމް ބެލްޓް.
- 14 އެސްކަލޭޓާސް.
- 4 ވޯކަލޭޓާސް.
- 41 އެލިވޭޓާ.
ކުރިން އެންމެ ފުރަތަމަ ފުރުމަށް ޓާމިނަލަށް ވަދެގެން އަންނަ އިރު އޭވިއޭޝަން ސެކިއުރިޓީގެ ސްކްރީނިން ހަދަން ޖެހެ އެވެ. ފަސިންޖަރުންނާއި ބެގޭޖު ކްލިއަރެންސް ކުރުމަށް ފަހުގައި ނޫނީ ޗެކިންވެ، ބޯޑިން ޕާސް ނަގާކަށް ނުދެވެ އެވެ. ނަމަވެސް، އާ ޓާމިނަލްގައި ފުރަތަމަ ދާން ޖެހޭނީ ޗެކިން ކައުންޓަރުތަކަށެވެ. މިއީ ދުނިޔޭގެ އެހެން އެއާޕޯޓުތަކުގައި ވެސް އަމަލުކުރާ ގޮތެވެ.
ކުރީގެ ޓާމިނަލްގައި ފުރަތަމަ ފަސިންޖަރުން ވަންނަ އިރު ބެގޭޖު ސްކްރީނިން ހަދަން ޖެހެނީ، އެ ޓާމިނަލްގައި އޮޓަމޭޓެޑް ބެގޭޖު ސްކްރީނެއް ނެތުމުންނެވެ. އާ ޓާމިނަލްގައި ފަސިންޖަރުން ޗެކިން ކައުންޓަރުތަކަށް ލަޖޭގުތައް ދޫކޮށްލުމުން، އޮޓަމެޓިކް ސިސްޓަމަކުން ބެގޭޖުތައް ސްކްރީން ކުރާނެ އެވެ. އެހެންވެ، އެއީ ވެސް ހިދުމަތް ހޯދާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.
އެ ބަދަލާ އެކު، އާ ޓާމިނަލުން ފަސިންޖަރުންނަށް ވަގުތު ސަލާމަތްވެ، ސެކިއުރިޓީ ކްލިއަރެންސް އަވަހަށް ނިންމާލައި، ޑިއުޓީ ފްރީ އާއި ކެއިން ބުއިމަށް ވަގުތު ހުސްކޮށްލުމަށް އިތުރު ވަގުތު ލިބޭނެ އެވެ.
އާ ޓާމިނަލްގެ ހިދުމަތް ހުޅުވިގެންދާ އިރު ސެފް ޗެކިން ހަ ކައުންޓަރެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އަދި އެމްއޭސީއެލްގެ އަމާޒަކީ އިތުރު ސެލްފް ޗެކިން ކައުންޓަރު ނުވަތަ ކިއޯސްކް އިންސްޓޯލުކޮށް، ފަސިންޖަރުންނަށް މިހާރަށް ވުރެ އަވަސް ހިދުމަތްތަކެއް ދެވޭނެ ގޮތްތައް ފަހިކުރުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.
މުޅި އޮޕަރޭޝަނުގެ ފުލް ޓްރަޔަލް ސެޝަންތައް ކުރިއަށް އޮތް ފަސް ދުވަހު ކުރިއަށް ގެންދަނީ، އެއް ދުވަހަށް ވުރެ އަނެއް ދުވަހު، ހިދުމަތް ހޯދާ ފަސިންޖަރުން އިތުރު ކޮށްގެންނެވެ. އެއާ އެކު، ހިދުމަތް ހޯދުމުގައި ފަސިންޖަރުންނަށް ދިމާވާ، ކުދިކުދި ދަތިތައް ދަނެގަނެ، އެ ކަންކަމަށް ވެސް ހައްލުތައް ހޯދާނެ އެވެ. މިއީ މުޅި އޮޕަރޭޝަނުގައި އުޅޭ މުވައްޒަފުން ވެސް ދޭ ހިދުމަތްތަކަށް އަހުލުވެރިކޮށް، އާ ސިސްޓަމްތަކަށް ފަރިތަކުރުމަށް ވެސް ލިބޭ ފުރުސަތެކެވެ.
"މި އެކްޓިވިޓީސް ފަށައިފިން ހަ މަސް ކުރިން. ޓްރަޔަލް ލެވެލް އަށް މިއަންނަނީ ތަން ރެޑީވެ، އަޅުގަނޑުމެންނަށް ޓެސްޓް ކުރަން ވަދެވުނީމާ. ޖުލައި މަސް ފެށުނު ތަނާ ޓްރަޔަލްތައް ފަށައިފިން. ޔުނިޓް ޓްރަޔަލްތައް ފަށާފައި އިއްޔެ މި ފެށީ ފުލް ޓްރަޔަލްތައް،" އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ފާތިމަތު ޝާހިދާ ވިދާޅުވި އެވެ.
އެ ޓްރަޔަލްތަކަކީ، އާ ޓާމިނަލްގެ އޮޕަރޭޝަންތައް ހިންގުމަށް ރާވާފައިވާ ޕްރޮސީޖާތައް އެއްވެސް މައްސަލައެއް ނެތި ހިންގާނެ ގޮތްތައް ފަހިކުރުމެވެ. އަދި ވީހާ ވެސް މައްސަލަތައް މަދުކޮށް ހިދުމަތް އަވަސް ކުރެވޭނެ ކަމަށް ޝާހިދާ ވިދާޅުވި އެވެ.
އާ ޓާމިނަލްގެ ދެވަނަ ފްލޯ ހާއްސަ ކޮށްފައިވަނީ، ސެކިއުރިޓީ ޗެކް ކުރުމާއި އިމިގްރޭޝަން ކައުންޓަރުތަކަށެވެ. އިމިގްރޭޝަނުގެ 38 ކައުންޓަރު ވެސް އާ ޓާމިނަލުގައި ހުންނާނެ އެވެ. އެއީ، އިމިގްރޭޝަން ޕްރޮސެސް ވެސް އިތުރަށް ލުއިވާނެ އެއް ކަމެކެވެ.
އޭގެ ފަހުން ވަދެވޭނީ "އިމާސިވް ޓަނަލް" ގެ ތެރެއިން ޑިއުޓީ ފްރީ ފިހާރަތައް ހުންނަ ސަރަހައްދަށެވެ. ޑިއުޓީ ފްރީއަށް ހާއްސަކޮށް ގާތްގަނޑަކަށް 4،000 އަކަފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވެ އެވެ. އެއާ އެކު، މިހާރު ވެސް ރާއްޖޭގެ ޑިއުޓީ ފްރީން ލިބެން ހުންނަ ފިހާރަތަކުގެ އިތުރަށް، އެންމެ ލަގްޒަރީ ބްރޭންޑުތަކުގެ އިތުރު އުފެއްދުންތައް ބަހައްޓަން ޖާގަ ލިބޭނެ އެވެ.
ކޮންމެ ގޭޓެއް ހުންނަ އޭރިއާގައި އިށީންނަން ހާއްސަ ސޯފާ ގޮޑިތައް ބަހައްޓާފައިވެ އެވެ. އެ ސަރަހައްދުން ބޯޓުތައް ކައިރިކޮށް، ފަސިންޖަރުން ބޯޓަށް އެރުމަށް ހާއްސަ އޭރޯ ބްރިޖްތަކުގެ އިތުރުން ޕާކްކޮށްފައިވާ ބޯޓުތައް ވެސް ބޭރުން ފެންނާނެ އެވެ.
އާ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދެނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކަށެވެ. އެ އަށް ފަހު، މަޑުމަޑުން އެހެން އެއާލައިންތަކުގެ ބޯޓުތަކަށް ވެސް ހިދުމަތް ފުޅާ ކުރަމުން ގެންދާނެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިވަގުތު 30 އަށް ވުރެ ގިނަ އެއާލައިންގެ މަތިންދާބޯޓުތަކަށް ހިދުމަތް ދެ އެވެ. އެހެންވެ، އެ ޕްރޮސެސް އެއްކޮށް ފުރިހަމަވުމަށް ވަގުތު ނަގާނެ އެވެ.
އެ ޓާމިނަލުގައި 12 އޭރޯ ބްރިޖް ހުރެ އެވެ. އެއީ ވެސް ކުރީގެ ޓާމިނަލުން ނުފެންނަ އަދި ރާއްޖެ އަށް މުޅިން އާ ކަމެކެވެ. އެއާ އެކު، ކުރިއާ ހިލާފަށް މާ ފަސޭހައިން ފަސިންޖަރުންނަށް ބޯޓުތަކަށް އެރޭނެ އެވެ.
އާންމުކޮށް ދުނިޔޭގެ އެހެން ޓާމިނަލުތަކޭ އެއްގޮތަށް އާ ޓާމިނަލުގައި ވޯކަލޭޓާތައް ވެސް އެކި ސަރަހައްދުގައި ގާއިމްކޮށްފައިވެ އެވެ. އަދި ޓްރާންސިޓްވާ ފަސިންޖަރުންނަށް ވެސް ހާއްސަ އޭރިއާއެއް ކަނޑައަޅަފައިވެ އެވެ.
ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ 12 ވަރަކަށް ފޫޓުގެ އެ ބޮޑު ދޮރާށިން ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ގުދުރަތީ ރީތި ރަށްތަކުގެ ނަލަ ކަމާއި ކުލަތައް ފެނެ އެވެ. ވިލު ނޫކުލަ އާއި ރާއްޖޭގެ މޫދާއި ރަށްތަކުގެ މަލަމަތިން ފެންނަ ކުލަތައް ރަމްޒު ކޮށްދޭ އެ ޓާމިނަލުގެ އަނެއް ހާއްސަ ސަރަހައްދަކީ ބެގޭޖު ބެލްޓްތަކުގެ ސަރަހައްދެވެ.
އާންމު ލަގޭޖުތަކަށް ހާއްސަ ފަސް ބެޖޭޖު ބެލްޓްތަކުން އެއް ފަހަރާ 12 މަތިންދާބޯޓަށް ކޭޓާ ކުރެވޭނެ އެވެ. އަދި އޯވަ ސައިޒްޑް ލަގޭޖްތަކަށް ހާއްސަ އޯއޯޖީ ބެލްޓެއް ވެސް އިންސްޓޯލްކޮށްފައިވެ އެވެ. އެއީ އާންމުކޮށް ބޭނުން ކުރާ ލަގޭޖުގެ އިތުރުން ސާފް ބޯޑުފަދަ ތަކެއްޗަށް ހާއްސަ ބެލްޓެވެ.
އާ ޓާމިނަލުން ހިދުމަތް ހޯދާ މީހުންގެ އަދަދު 7.5 މިލިއަން ފަސިންޖަރުންނަށް އިތުރު ވާއިރު އެ ޓާމިނަލުން ފެންނަނީ، ދުނިޔޭގެ އެހެން ޒަމާނީ އެއާޕޯޓުތަކުން ވެސް ފެންނަ މަންޒަރުތަކެވެ. އަދި ހިދުމަތްތެކެވެ. އެއީ 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ގެ އިންވެސްޓްކޮށްގެން ދައުލަތުން ހެދި ޓާމިނަލެވެ. ޓާމިނަލުގެ މަސައްކަތް ނުވަ އަހަރަށް ދިގު ދެމިގެން ގޮސް، މިއަދު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވުމަކީ، ލިބުނު ބޮޑު ތަސައްލީ އެކެވެ. އާ ޓާމިނަލަށް ވަދެގެން ދިޔަ އިރު، ކުރެވުނީ ދިގު އިންތިޒާރެއް ނިމުމަކަށް އައުމުގެ އުފާވެރި އިހުސާސްތަކެވެ. އެންމެ ފުރިހަމަ ޗާލު ޓާމިނަލެކެވެ.