މުމްބާއީ ރޭލު ބޮމުގެ ހަމަލާގައި ކުށްވެރިވި ބަޔަކު 10 އަހަރު ފަހުން ސަލާމަތްވެއްޖެ
މުމްބާއީ ރޭލު ބޮމުގެ ހަމަލާގައި ކުށްވެރިވި ބަޔަކު 10 އަހަރު ފަހުން ސަލާމަތްވެއްޖެ

އިންޑިއާގެ މުމްބާއީގެ ބާރުބޮޑު ކޮމިއުޓާ ރޭލުތަކުގައި 2006 ވަނަ އަހަރު ބޮން ގޮއްވައި 187 މީހަކު މަރާލި މައްސަލާގައި ކުށް ސާބިތުވި 12 މީހެއްގެ ކުށެއް ނެތް ކަމަށް އިންޑިއާގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.

މީހުން މެރުމާއި ގައުމާ ދެކޮޅަށް ހަނގުރާމައިގެ އަމަލު ހިންގުމުގެ ކުށް ސާބިތުވެ މީހުންގެ މައްޗަށް ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ.

ޖުލައި 11، 2006 ގެ ހަވީރުގެ ވަގުތުގައި ދިން ހަމަލާތަކުގައި 800 އަށް ވުރެ ގިނަ މީހުން ޒަހަމް ވެސް ވެފައިވެ އެވެ.

މި މައްސަލައިގައި ދަށު ކޯޓުން ފަސް މީހެއްގެ މައްޗަށް އިއްވި މަރުގެ ހުކުމް އަދި އަނެއް ހަތް މީހުންގެ މައްޗަށް އިއްވާފައި އޮތް އުމުރަށް ޖަލަށް ލުމުގެ ހުކުމް ބާތިލްކުރީ ބޮމްބޭ ހައި ކޯޓުންނެވެ.

ފަނޑިޔާރު އަނިލް ކިލޯރާއި ފަނޑިޔާރު ޝްޔާމް ޗަންޑަކްގެ ހުކުމުގައި ވިދާޅުވީ ދައުވާ ލިބުނު މީހުންގެ މައްޗަށް ކޮށްފައިވާ އެއްވެސް ތުހުމަތެއްގައި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކޮށްދިނުމުގައި ދައުލަތް މުޅިން ފެއިލްވެފައިވާ ކަމަށެވެ. އެހެންވެ މި މީހުންގެ މައްޗަށް އެހެން މައްސަލައެއްގައި ބަންދުކުރުމުގެ ހުކުމެއް ނެތް ނަމަ ވަގުތުން މިނިވަންކުރަން ވަނީ އަމުރުކޮށްފަ އެވެ.

ހައި ކޯޓުގެ މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހައްގު އަދި ދައުލަތަށް އޮންނާނެ އެވެ.

ރޭލުތަކުގައި ބޮމުގެ ހަތް ހަމަލާ ދީފައިވަނީ ޕްރެޝަ ކުކަރުތަކެއްގައި ބޮން ޕްލާންޓުކުރުމަށް ފަހު ދަބަހާއި ނޫސް ކަރުދާހާއި ކުޑަ ފަދަ ތަކެތީގެ ތެރޭގައި ފޮރުވުމަށް ފަހު ރޭލުގެ އެކި ތަންތަނަށް ލާފައި ބެހެއްޓުމަށް ފަހުގަ އެވެ. ޕްރޮސެކިއުޓަރުން ބުނީ މުމްބާއީގައި މި ޑިވައިސްތައް ހެދުމަށް ފަހު، ގުޖުރާތުގެ މުއްސަނދިންނަށް އަމާޒުކޮށް ބޮންތައް ބަހައްޓާފައި ހުރީ ރޭލުގެ ފަސްޓް ކްލާސް ކޯޗުތަކުގެ ތެރޭގައި ކަމަށެވެ.

މިއީ 2002 ވަނަ އަހަރު ހުޅަނގުގެ ގުޖުރާތު ސްޓޭޓްގައި ހިނގި ހަމަނުޖެހުންތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ބޮމުގެ ހަމަލާތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ މުސްލިމުންނާއި ހިންދީންނާ ދެމެދު ހަމަނުޖެހުން ހިނގައި ގާތްގަނޑަކަށް 2،000 މީހުން މަރުވި ހަމަނުޖެހުމެކެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.

ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި އެއީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ލަޝްކަރޭ ތައިބާ ފަހަތުގައި އޮވެގެން ދިން ހަމަލާއެކެވެ. ނަމަވެސް ލަޝްކަރޭ ގަހަރު ނަމަކަށް ކިޔާ، މާ ގިނަ ބަޔަކަށް ނުވެސް އެނގޭ ޖަމާއަތަކުން ފަހުން އެ ހަމަލާގެ ޒިންމާ އުފުލި އެވެ. -- އޭއެފްޕީ