21 ޖުލައި 2025 - 18:34

އެންސްޕާ އަދި އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް ދޭ ޑޮލަރު ލިމިޓު އިތުރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ސޯޝަލް މީޑިއާގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އާސަންދައިގެ ހަރަދުގައި ބޭރަށް ދާ މީހުންނަށް ބޭންކު މެދުވެރިކޮށް 2،000 ޑޮލަރު ލިބޭ ގޮތަށް، އެންސްޕާގެ އެހީގައި ފަރުވާއަށް ދާ މީހުންނަށް ވެސް، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ވަރަށް ޑޮލަރު ލިމިޓު ބޮޑުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.
އޭގެ އިތުރުން، އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާއަށް ދާ މީހުންނަށް ބޭންކުތަކުން 1،000 ޑޮލަރު ހަމަޖެއްސުމަށް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
އެ ޑޮލަރު ދޫކުރާނެ ގޮތްތައް ކަނޑައަޅާނީ ބޭންކުންނެވެ.
އަމިއްލަ ހަރަދުގައި ފަރުވާއަށް ދާ މީހުންނަށް ބީއެމްއެލް މެދުވެރިކޮށް ލިބޭނީ، ޓިކެޓަށް ލިބޭ 500 ޑޮލަރު އެކަންޏެވެ. އެހެންވެ، ފަރުވާއަށް ދާ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހެ އެވެ.
ރައީސްގެ އެ އެންގެވުމާ ގުޅިގެން، އެންސްޕާގެ ސީއިއޯ ހީނާ ވަލީދު "މިހާރު"އަށް ވިދާޅުވީ އެ އެޖެންސީގެ އެހީ ހޯދައިގެން ގިނަ ބަޔަކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ކަމަށެވެ. އެހެންވެ، ޑޮލަރު ލިމިޓު އިތުރުކުރުމަކީ ވަރަށް ބޮޑު ފަސޭހައެއްކަން އޭނާ ފާހަގަކުރެއްވި އެވެ.