21 ޖުލައި 2025 - 16:42

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިއަދުން ފެށިގެން އެ މަގާމުން ރިޓަޔާވެ ވަޑައިގަތުމުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް މިއަދުން ފެށިގެން މަގާމުން ވަނީ ރިޓަޔާ ކުރައްވާފައިވާތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައިވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
އެ މަގާމުގެ ތައުލީމީ ޝަރުތަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއެކު، ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖްރިބާ ހުރުމެވެ. އެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ނަން ފޮނުއްވުމުން އެ މަޖިލީހުން ފާސްކޮށްގެންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް 2019 ވަނަ އަހަރު އައްޔަން ކުރެއްވި މުއުތަސިމްއަކީ ޝަރަފްވެރިކަމާއެކު މަގާމުން ރިޓަޔާވެ ވަޑައިގަތް ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. މުއުތަސިމް އޭގެކުރިން ވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވައިފަ އެވެ.
މުއުތަސިމް ރިޓަޔާ ކުރެއްވުމުން ސުޕްރީމް ކޯޓުން ވަގުތީ ގޮތުން ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާ ވަނީ ހަވާލުކޮށްފަ އެވެ.