21 ޖުލައި 2025 - 16:07

ނ. ކެނދިކުޅުދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
ނ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެނދިކުޅުދުއަށް ވަޑައިގެން އެ ރަށުގައި މި ހިދުމަތް ފައްޓަވައިދެއްވި އިރު، ބިން ބޮޑު އެ ރަށުގައި މިހާރު ބަހުގެ ހިދުމަތް ދެމުން އައީ ސްކޫލްގެ ފަރާތުން އެކަންޏެވެ.
އެމްޓީސީސީން ވަނީ އެ ރަަށުގައި ހިދުމަތް ދިނުމަށް ދެ ބަސް ގެންގޮސްފަ އެވެ. އެ ކުންފުނިން ބުނީ ބަހުގެ ހިދުމަތް ފުޅާކުރުމާ އެކު ރަށުގެ އާންމުންނަށް ވެސް އެ ހިދުމަތް މިހާރު ލިބޭނެ ކަމަށެވެ.
ހިދުމަތުގައި ބޭނުންކުރާނީ 30 މީހުންގެ ޖާގައިގެ ބަހަކާއި 72 މީހުންގެ ޖާގައިގެ ބަހެކެވެ.
އެމްޓީސީސީން ބަހުގެ ހިދުމަތް ދިނުމުގައި ސްކޫލް ދަރިވަރުންގެ އަތުން ފީއެއް ނުނަގަ އެވެ.
އެމްޓީސީސީން މިހާރު އާރްޓީއެލް ބަހުގެ ހިދުމަތް ދެމުން އަންނަނީ މާލޭ ސަރަހައްދުގެ އިތުރުން ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ލ. އަތޮޅު، ޏ. ފުވައްމުލައް އަދި އައްޑޫގަ އެވެ.