21 ޖުލައި 2025 - 16:02

ރަށްރަށަށް ދަތުރުފުޅު ކުރައްވަނީ ރައްޔިތުންނާ ގާތަށް ވަޑައިގެން ހިދުމަތް ކުރައްވަން ކަމަށާއި އޭގެ ނަތީޖާ ވެސް ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހެނބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.
އެ ވައުދުތައް ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވީ ބޭނުންފުޅުވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްޕުޅު ކުރައްވަން ކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ މި ގޮތަށް [ރަށް ރަށަށް ދަތުރުކޮށް] ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ރައްޔިތުން ގާތަށް އައިސް ހިދުމަތް ކުރަން. އޭގެ ނަތީޖާ ތިބޭފުޅުން ބޭނުންވާ ގޮތަށް ވެގެން ދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ ހެނބަދޫގެ ތަރައްގީ އަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތައް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ. އެގޮތުން މަޝްރޫއުތައް ކުރިއަށް ގެންދާނީ މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެންމެ އަވަހަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރާ ރަށްރަށުގެ ތެރޭ ހެނބަދޫ ހިމެނޭނެ ކަމަށާއި އެ ރަށުން ހިއްކެން އޮތީ ހަ ހެކްޓަރު ކަމަށް ވުމުން އެ ބިމުން ބޯހިޔާވަހިކަމަށް ޖާގަ ދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.