ނިއުމާތުގެ މަގާމުގެ މުއްދަތު އިތުރުކުރަން މަޖިލީހުން ފާސްކޮށްފި
ނިއުމާތުގެ މަގާމުގެ މުއްދަތު އިތުރުކުރަން މަޖިލީހުން ފާސްކޮށްފި

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމާތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރު ފަސް އަހަރުގެ މުއްދަތަކަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޖުލައި، 2020 ގައި އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރެއްވި ނިއުމާތުގެ ދައުރު މިމަހު ހަމަވާތީ އޭނާގެ ދައުރު އިތުރު ފަސް އަހަރަށް އިތުރުކުރަން މަޖިލީހަށް ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެކަމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ނިއުމާތުގެ މަގާމުގެ މުއްދަތު އިތުރުކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވި 50 މެމްބަރުންގެ އިއްތިފާގުންނެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ފަސް އަހަރަށް އައްޔަން ކުރާ އެ މަގާމުގެ ދައުރު އިތުރު ފަސް އަހަރަށް އިތުރު ކުރުމުގެ ބާރު އެ ގާނޫނުގެ ދަށުން މަޖިލީހަށް އޮވެ އެވެ.

ރާއްޖޭގައި ޕްރީ ސްކޫލުތައް ހެދުމަށް ޔުނިސެފްގެ އެހީއާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުުން ނިއުމާތަކީ ކުޑަކުދިންނަށް ކިޔަވައިދިނުމުގައި ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޮސްޓްރޭލިއާ އިން އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން އިން ޑިގްރީ އަދި ހަމަ އެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވެ އެވެ.