23 މާޗް 2017 - 06:13

ގަދަ ރަތްކުލައިގެ އައިފޯނެއް ބާޒާރަށް ނެރެ އެޕަލް އިން ވަނީ އެންމެން ސިއްސުވާލައިފަ އެވެ. "ޕްރޮޑަކްޓް ރެޑް" ގެ ނަން ދީފައިވާ މި ފޯނު 7 ވިއްކައިގެން ލިބޭ ފައިސާއިން، އެއިޑްސްއާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވާނެ އެވެ.

މީގެ ކުރިން ވެސް އެޕަލްއިން ވަނީ ރަތްކުލައިގެ އުފެއްދުންތައް ވިއްކައިގެން ލިބޭ ފައިސާއިން އެއިޑްސް ޗެރިޓީއަށް އެހީވެފަ އެވެ.
"ރެޑް ޕްރޮޖެކްޓް މީގެ 10 އަހަރު ކުރިން ހިންގަން ފެށި ފަހުން ކަސްޓަމަރުން ވަނީ ޕްރޮޑަކްޓްތައް ގަނެގެން އެއިޑްސްއާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައި. އެގޮތުން އައިޕޮޑް ނެނޯގެ ޕްރޮޖެކްޓް ރެޑް ވަނީ އެހެން އެކްސެސަރީޒް އާއި އައިފޯނާއި އައިޕެޑާއި އެޕަލް ވޮޗަށް ވުރެ ވެސް ގިނައިން ވިކިފައި،" އާ ފޯނު ތައާރަފްކޮށްދެއްވަމުން އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަތް ފޯނު ނެރުނީ ޕްރޮޖެކްޓް ރެޑަށް 10 އަހަރު ފުރުމާ ދިމާކޮށް އެކަން ފާހަގަކުރުމަށް ކަމަށެވެ.
އެޕަލްގެ ރަތް ފޯނާ އެކު އެ ކުންފުނިން ވަނީ އައިފޯން އެސްއީގެ ސްޓޮރޭޖް އިތުރުކޮށްފަ އެވެ. އެގޮތުން ސްޓޮރޭޖް އެންމެ މަތީ އެސްއީގައި މިހާރު 256 ޖީބީ ހިމެނޭނެ އެވެ. އެހެންވެ، ސައިޒުގެ ގޮތުން އެންމެ ކުޑަ އައިފޯނުގެ ސްޓޮރޭޖް ކެޕޭސިޓީ މިހާރު ވަރަށް ބޮޑެވެ.
މީގެ އިތުރުން އެޕަލް އިން ވަނީ ކުދި އައިޕެޑް ޕްރޯގެ އާ ވާޝަންއެއް ނެރެފަ އެވެ. ކުރީގެ އައިޕެޑް އެއާގެ ބަދަލުގައި އަގު ހެޔޮ އައިޕެޑެއް ވެސް ނެރުނެވެ. ނަމަކީ ހަމައެކަނި "އައިޕެޑް" އެވެ. މި އައިޕެޑްގެ ޕާފޯމަންސް މަތިކޮށް ޑިސްޕްލޭ ވެސް ވަނީ ކުރިއަށްވުރެ ރަނގަޅުކޮށްފަ އެވެ.
އަލަށް ނެރުނު ރަތް އައިފޯނަށް މާދަމާއިން ފެށިގެން އޯޑަރު ދެވޭނެ އެވެ. އާދައިގެ ސައިޒާއި ބޮޑެތި ސައިޒުގެ ފޯނު ލިބެން ހުންނާނެ އެވެ.