15 ޖޫން 2016 - 13:20

މާރުކޭޓުގައި އެއްޗެހި ތިޔާގިވެ، ކަރާގެ އަގު ވެސް އެންމެ ފަހުން ދަށަށް ހިނގައްޖެ އެވެ.

މި ރޯދަ މަސް ފެށުނުއިރު، ބާޒާރުގައި ކަރާ ލިބެން ހުރި މިންވަރު އާދަޔާހިލާފަށް މަދެވެ. ގިނަ ގޮޅިތަކުގައި އެއްވެސް ވަރަކަށް ނެތެވެ. ކަރާ ހުރި ތަންތަނުގައި ވެސް އޭރު ލިބެން ހުރީ ވަރަށް މަދުންނެވެ. އެއާ އެކު، ކަރާ ކިލޯއެއްގެ އަގު 50ރ. އަށް ވުރެ މައްޗަށް އުފުލުނެވެ.
އެހެން ނަމަވެސް، މާރުކޭޓުގައި މިއަދު ކަރާ ކިލޯއެއް 15-20ރ. އަށް ލިބެން އެބަހުއްޓެވެ.
ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރި ކުރާ ބައެއް މީހުން ބުނީ ކަރާގެ އަގު ދަށަށް ދިޔައީ ކަރާ ލިބޭ މިންވަރު އިތުރުވުމުން ކަމަށެވެ. ރަށްރަށުގައި ރޯދަ އަށް ހެއްދި ކަރާ ކެނޑޭ ވަރު ވުމާއި މޫސުމް ކޮންމެވެސް ވަރަކަށް ރަނގަޅުވުން އެއީ އޭގެ މައިގަނޑު ސަބަބުތައް ކަމަށް އެ މީހުން ބުންޏެވެ.
"ދެން އޮތް ތަނުގައި [ކަރާގެ] އަގުތައް އުޅޭނީ ގާތްގަނޑަކަށް މި ވަރަށް،" އއ. ތޮއްޑޫގައި ކަރާ ހައްދާ މީހަކު ބުންޏެވެ.
ކަރާގެ އިތުރުން ކެއިންބުއިމުގައި އާއްމުކޮށް ބޭނުން ކުރާ ގިނަ ބާވަތްތަކެއް ވެސް މިހާރު ގިނަ އަދަދަކަށް މާރުކޭޓުން ލިބެން އެބަހުއްޓެވެ.
ރޯދަ މަސް ފެށުނުއިރު އެއްވެސް ވަރަކަށް ލިބެން ނެތް ފަތްޕިލާވެލީގެ ބާވަތްތައް ވެސް ތިޔާގިވެ، އެ ތަކެތީގެ އަގު ވެސް ވަނީ ދަށަށް ގޮސްފަ އެވެ. ކޮޕީ ފަތް އަދި ކުއްޅަފިލާފަތް ފަދަ މަސްހުންޏާއި ސަޓަނި ހަދަން އާއްމުކޮށް ބޭނުން ކުރާ ވައްތަރުތައް، ބޮނޑިއެއް 10ރ. އަށް މިއަދު ގަންނަން ލިބެ އެވެ.
ދެން ހުރި ބާވަތްތަކުގެ އަގު ހުރީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެކި ކެއުންތަކުގެ ރަހަ ހެޔޮވަރުކޮށްދޭ މިރުސް 50ރ. އަށް 100ގ. ވިއްކާއިރު، ރޯދަ މަސް ފެށުނުއިރު 150ރ. އަށް ވިއްކި ލުނބޯ ކިލޯއެއް މިހާރު ފަންސާހަކަށް ރުފިޔާ އަށް ލިބެން އެބަހުއްޓެވެ. މީގެ އިތުރުން، ކުރުނބާގެ އަގު އުޅެނީ 20-25ރ. އާ ދެމެދުގަ އެވެ.
ރޯދަ މަހުގެ ފުރަތަމަ ދިހައެއް މިއަދު ނިމޭއިރު، މާރުކޭޓުގައި ވިއްކާ ބައެއް ތަކެތީގެ އަގު މި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެކަމަކު، މޫސުމް ގޯސްވެ، ގެނެވޭ ވަރު މަދުވެއްޖެ ނަމަ، އަނެއްކާ ވެސް ތަކެތީގެ އަގު އުފުލުން ގާތް ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.