21 ޖުލައި 2025 - 14:06

އައްޑޫގެ ޖަނަރޭޓަރަކަށް ދިމާވި މައްސަލަ ހައްލުކޮށް، މިހާރު ބޮޑު ބަޔަކަށް ކަރަންޓު ދީފައިވާ ކަމަށް ފެނަކައިން މިއަދު ބުނެފި އެވެ.
މުޅި އައްޑޫން ކަރަންޓު ކެނޑުނީ މެންދުރު 12:30 ހާއިރެވެ.
ފެނަކައިން ބުނީ އައްޑޫގެ ހަ ސަރަހައްދެއް ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ. ކަރަންޓު ނުދީ ހުރި ސަރަހައްދުތަކަށް ވެސް ވަރަށް އަވަހަށް ދޫކުރެވޭނެ ކަމަށް ފެނަކައިން ބުންޏެވެ.
އައްޑޫގެ މޭޔަރު އަލީ ނިޒާރު "މިހާރު" އަށް ވިދާޅުވީ އެއާޕޯޓާއި ރަށުގައި ހިދުމަތްދޭ ގިނަ ތަންތަނުން ވެސް ކަރަންޓް ކެނޑުނު ކަމަށެވެ.
"ފެނަކައިން ބުނީ އިންޖީނުތަކަކަށް މައްސަލައެއް ދިމާވެގެން މުޅި އައްޑޫން ކަމަށް މިއަދު ކަރަންޓު މި ދިޔައީ. ދިމާވީ ކޮން މައްސަލައެއް ކަމެއް ނޭނގެ،" އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވި ގޮތުގައި އައްޑޫގެ ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވެ ކަރަންޓު ބޭނުންކުރާވަރު އެންމެ އިތުރުވާ ގަޑިތަކުގައި ކަރަންޓު ކަނޑާތާ ދެ ދުވަސް ވެއްޖެ އެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އެއްވެސް ސަރުކާރުން މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ބުނެ އައްޑޫ މީހުން އަބަދުވެސް ނުރުހުން ފާޅުކުރެ އެވެ.
އައްޑުއަށް ޒަމާނުއްސުރެ ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފެނަކައިން ވަނީ ޗައިނާގެ ޑޮންފެން އިލެކްޓްރިކް (ޑީއީސީ)އާ ހަވާލުކޮށްފަ އެވެ.