21 ޖުލައި 2025 - 12:19

ބޭންކް އޮފް މޯލްޑިވްސްއިން، މިއަހަރުގެ "ބޭންކް ފަންޑް" ލިބޭ ޖަމިއްޔާތައް ހޮވައިފި އެވެ.

ބޭންކް ފަންޑަކީ ތައުލީމާއި ތިމާވެއްޓާއި ކުޅިވަރާއި އިޖުތިމާއީ ދާއިރާއާ ގުޅުން ހުރި މަޝްރޫއުތައް ހިންގުމަށް ޕްރޮޕޯޒަލް ހުށަހެޅުމުން ހޮވޭ ޖައްމިއްޔާތަކަށް 200،000ރ. ގެ ހިލޭ އެހީ ލިބޭ ފަންޑެކެވެ.

މިއަހަރު ފަންޑު ލިބުނު ޖަމިއްޔާތަކަކީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް، ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ، ފައުންޑޭޝަން ފޯ އޭދަފުށި ޔޫތު ލިންކޭޖް (ފޭލި)، މޯލްޑިވިއަން ނާސަސް އެސޯސިއޭޝަން އަދި ޓައިނީ ހާޓްސް މޯލްޑިވްސް އެވެ.
ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއިން މި ފަންޑުގެ އެހީގައި އެ ޖަމިއްޔާގެ ކްލިނިކެއް ހުޅުމާލޭގައި ގާއިމުކޮށް، ބަލިން ރައްކާތެރިވުމާއި، ކުރީބައިގައި ބަލި ދެނެގަތުމާއި ހަކުރުބަލި މެނޭޖްކުރުމުގެ ހިދުމަތްތަކަށް ގިނަ ބަޔަކަށް ފަސޭހައިން ވާސިލުވެވޭނެ ގޮތަށް ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރާނެ އެވެ.
ޔުނައިޓެޑް އިސްލާމިކް ސޮސައިޓީން ދަރިވަރުންގެ ޑިޖިޓަލް މީޑިއާ ހުނަރު ކުރިއެރުވުމަށް ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ޒަމާނީ މަލްޓި މީޑިއާ ސްޓޫޑިއޯއެއް ގާއިމުކޮށް، މިހާރުވެސް ހިންގަމުންދާ މީޑިއާ ކްލަބްގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރާނެ އެވެ.
ފައުންޑޭޝަން ފޯ އޭދަފުށި ޔޫތް ލިންކޭޖް (ފޭލި)އިން މި ފަންޑުގެ އެހީގައި ވޮކޭޝަނަލް އަދި ކްރިއޭޓިވް ސްކިލްސް ތަރައްގީކުރުމަށް ބ. އޭދަދުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އިންޓެގްރޭޓެޑް ދެ ލެބެއް ގާއިމުކުރާނެ އެވެ.
ބެންކް ފަންޑުގެ އެހީގައި މޯލްޑިވިއަން ނާސަސް އެސޯސިއޭޝަނުން، ހުޅުމާލެ 2 ގައި ދިރިއުޅޭ ފަރާތްތަކަށް ނަފްސާނީ ބަލިތަކަށް ހާއްސަ ހިދުމަތެއް ތައާރަފްކޮށް، ނަފްސާނީ ބަލި އެންމެ ބޮޑަށް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ބޭނުންވާ އެހީއަށް ފަސޭހައިން ވާސިލުވެވޭނެ ހިދުމަތް ތައާރަފްކުރާނެ އެވެ.
މި ފަންޑުގެ އެހީގައި ޓައިނީ ހާޓްސް މޯލްޑިވްސްއިން ހިތުގެ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން ޕްރޮމޯޓް ކުރުމަށް ޑިޖިޓަލް ވަސީލަތްތަކުގެ ހަބެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ބީއެމްއެލްއިން މުޖުތަމައުގެ ތަރައްގީ އާއި ކުރިއެރުމަށް ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްގެން ބޭންކް ފަންޑް ތައާރަފްކުރީ މިދިޔަ އަހަރު އެވެ. މުޖުތަމައުގެ ތަރައްގީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް ބޭންކުން މުހިންމު އަހުމިއްޔަތުކަމެއް ދެ އެވެ.