ނަތަންޔާހޫ ކާނާވިހަވެ ބަލިވެއްޖެ
ނަތަންޔާހޫ ކާނާވިހަވެ ބަލިވެއްޖެ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކާނާ ވިހަވެ ބަލިވެގެން ފަރުވާ ދެމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު އޮފީހަށް ނުގޮސް ގޭގައި އަރާމުކުރަންޖެހޭ ކަމަށް އޭނާގެ އޮފީހުން މިއަދު ބުނެފި އެވެ.

ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރޭގަނޑު ކުރިމަތިވި ކާނާވިހަވުމުގެ މައްސަލައިގެ ސަބަބުން ގޮހޮރުގައި އިންފްލެމޭޝަނެއް އުފެދިފައިވާ ކަމަށާއި އަދި ހަށިގަނޑުން ފެން މަދުވެފައިވާ ކަމަށެވެ. އުމުރުން 75 އަހަރުގެ ނަތަންޔާހޫއަށް އަންނަނީ މި މައްސަލަތަކާ ގުޅިގެން އައިވީ ގުޅައިގެން ފަރުވާ ދެމުން ކަމަށް ބަޔާނުގައިވެ އެވެ.

"ޑޮކްޓަރުން ލަފާ ދީފައިވާ ގޮތަށް، ކުރިއަށް އޮތް ތިން ދުވަހު ބޮޑުވަޒީރު ގޭގައި އަރާމުކުރަމުން ދައުލަތުގެ ޒިންމާތައް އަދާކުރަމުން ގެންދާނެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ނަތަންޔާހޫ ކާނާ ވިހަވީ ނުބައިވެފައި ހުރި އެއްޗެއް ކެވިގެން ކަމަށް ޑޮކްޓަރާ ހަވާލާދީ ބުނެފައިވެ އެވެ.

ނަތަންޔާހޫއަށް ސިއްހީ އެކި މައްސަލަތައް މި ފަހުން ދިމާވެފައިވެ އެވެ. އޭނާގެ ހަށިގަނޑަށް 2023 ވަނަ އަހަރު ޕޭސްމޭކާއެއް ލައްވާފައިވެ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ވަނީ ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން ހެދޭ މައްސަލައަކާ ހެދި އޭނާގެ ޕްރޮސްޓޭޓް ވެސް ނަގައިފަ އެވެ. އަދި ހާނިއާ ސާޖަރީއެއް ވެސް ހެދި އެވެ.