ޣައްޒާގައި ލޭއޮހޮރުވުން ބޮޑު ދުވަހެއް، 57 މީހަކު ޝަހީދުވި
ޣައްޒާގައި ލޭއޮހޮރުވުން ބޮޑު ދުވަހެއް، 57 މީހަކު ޝަހީދުވި

ފަލަސްތީނުގެ ޣައްޒާގައި އެހީގެ ސާމާނު ހޯދަން ގޮސް ތިބޭ އާންމުންނަށް ހަމަލާ ދިނުން އިޒްރޭލުން އާންމު ކަމަކަށް ހަދާފައި ވާއިރު މިއަދު އެކަނިވެސް 57 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް އެ ސަރަހައްދުގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

ޣައްޒާގައި ލޭއޮހޮރުވުން ބޮޑު ދުވަހެއް، 57 މީހަކު ޝަހީދުވި
ޣައްޒާގައި ލޭއޮހޮރުވުން ބޮޑު ދުވަހެއް، 57 މީހަކު ޝަހީދުވި

ޣައްޒާގެ އުތުރުގައި ދިން ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުކޮށްލާފައި ވާއިރު އިޒްރޭލުން ވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރުލް ބަލަހް އިން އާންމުން ފައިބަން ވެސް އަންގައިފަ އެވެ. އެއީ އިޒްރޭލުން ބުނި ގޮތުގައި އެ ސަރަހައްދުގައި އުޅޭ ހަމާސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގާ ފުރަތަމަ އޮޕަރޭޝަން ފެށުމަށެވެ.

އުމުރުން 36 އަހަރުގެ ގާސިމް އަބޫ ޚަތަރު އޭއެފްޕީއަށް ކިޔައިދިން ގޮތުގައި ޣައްޒާ ސިޓީގެ އަލް ސުދާނިއްޔާ ސަރަހައްދަށް އޭނާ ފުށް ބަސްތާއެއް ލިބޭތޯ ދިޔައިރު އެތައް ހާސް ބަޔަކު މާޔޫސްކަމުގައި ޖަމާވެފައި ތިއްބެވެ.

"މީހުން މަރުވާ ވަރަށް އެތަން އޮތީ މީހުން ގިނަވެ ފިތިބާރުވެފައި. އެއްބަޔަކު އަނެއް ބަޔަކު ކޮއްޕަމުން ދިޔައީ. އަންހެނުންނާއި ކުޑަކުދިން ވެސް ތިބި،" ޖަބަލިއާގައި އުޅެނިކޮށް ބޯހިޔާވަހިކަން ގެއްލި ހާލުގައި އުޅެމުންދާ ޚަތަރު ބުންޏެވެ.

"އިހްސާސްވީ އަހަރެމެން މިއީ ދިރިތިބި ބައެއް ވެސް ނޫނޭ. ފުރާނައެއް ނެތޭ. ހަމަ ގޮތެއްފޮތެއް ނުބަލައި ޓޭންކުތަކުން އަހަރެމެންނާ ދިމާލަށް ބަޑި ޖަހަމުން ދިޔަ. އިޒްރޭލުގެ ސްނައިޕަރުން ހަމަލާދެމުން ދިޔައީ ޖަންގަންޔެއްގައި ޖަނަވާރު ޝިކާރަކުރާ ގޮތަށް."

"އަހަރެންގެ ކުރިމަތީގައި ވެސް 12 ވަރަކަށް މީހުން މަރުވި. އެކަކަށް ވެސް އަނެކަކަށް އެހީ ވެވޭ ވަރެއް ނުވޭ."

މި ހަމަލާތަކަށް ފަހު ވެސް އޭއެފްޕީން އިޒްރޭލު ސިފައިންގެ ކޮމެންޓަކަށް އެދުމުން ބުނީ އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އިޒްރޭލު ސިފައިން އާންމުންނަށް ގެއްލުން ކުޑަވާނެ ގޮތަށް ހުރިހާ ކަމެއް ވެސް އިންތިޒާމުކުރާ ކަމަށް ބުނަމުން އަންނަ ވާހަކަ ތަކުރާރުކުރި އެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭތާ 21 ހަފްތާ ވެފައި ވާއިރު މިހާތަނަށް ޝަހީދުކޮށްފައިވާ މީހުންގެ އަދަދު 58،895 އަށް ވަނީ އަރައިފަ އެވެ.