20 ޖުލައި 2025 - 14:05

މާލޭގެ ބޮޑުތަކުރުފާނު މަގުން މާފަންނު ބަސް ޓާމިނަލް ކައިރީގައި މި މަހުގެ 13 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ނިޔާވެފައި ވާއިރު އެ ސައިކަލް ފަހަތުގައި އިން 16 އަހަރުގެ މި ކުއްޖާގެ އިތުރުން އެ ސައިކަލުން ޖެހި 40 އަހަރުގެ ފިރިހެނަކަށް ވެސް އަނިޔާވެފައިވެ އެވެ. އެއީ ކަސްރަތަށް ދުވަން ގޮސް އުޅުނު އިބްރާހިމް ޝުޖާއު ކިޔާ މީހެކެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ 16 އަހަރުގެ ކުއްޖާ ގެއަށް ދޫކޮށްލީ އެއްޔެ ކަމަށެވެ.
އެކްސިޑެންޓުވި 40 އަހަރުގެ މީހާ އަކީ އެންމެ ފުރަތަމަ ފަރުވާދިނީ ވެންޓިލޭޓަރުގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވެންޓިލޭޓަރުން ނަގާފައި ވިޔަސް އަދިވެސް ފަރުވާދެނީ އައިސީޔޫގައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ބ. ތުޅާދޫ މީހެއް ކަމަށްވާ ޝުޖާއުގެ ގައިގައި ސައިކަލުން ޖެހުނީ އޭނާ ދުވަން ނުކުމެ، އުޅެމުން ޒިބްރާ ކްރޮސްއަށް އެރި ފަހުން ސައިކަލު ވަރަށް ބާރަށް ދުއްވާފައި އަންނަތަން ފެނުމުން އެއިން ނެއްޓެން ކުރިއަށް ދުއްވައިގަތްތަނާ ކަމަށް ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.
ސައިކަލުން ޖެހުމުން އޭނާ ވިއްސައިގެން ގޮސް ބިންމަތީގައި ޖެހެ އެވެ.