20 ޖުލައި 2025 - 13:02

މި މަހު ނިމިގެންދިޔަ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި މެޑިކަލް ޑޮކްޓަރަކު ނެތް މައްސަލަ ފެންމަތިވެއްޖެ އެވެ.
ކޮލިފައިންގައި ރާއްޖެ ހިމެނުނު ގުރޫޕް އީ ގެ ކޮލިފައިން ކުރިއަށްގެންދިޔަ ވިއެޓްނާމަށް ޓީމު ދަތުރުކުރި އިރު މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި ޖަހާފައި ވަނީ ޓީމުގެ ފިޒިއޯގެ ނަމަވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ފެންމަތިކުރީ ވިއެޓްނާމްގެ ފުޓްބޯޅަ ފެޑެރޭޝަނުންނެވެ.
ޓީމުގެ ފިޒިއޯ އަށް މެޗު ކުރިއަށްދާ ވަގުތު ބެންޗުގައި ނީނދެވޭނެ ކަމަށާއި މެޑިކަލް ޑޮކްޓަރެއްގެ ދައުރު އޭނާ އަށް އަދާ ނުކުރެވޭނެކަމަށް ވިއެޓްނާމްގެ ފުޓްބޯޅަ އިދާރާއިން ޓީމަށް އެންގިކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
އެންމެ ފަހުން އެފްއޭއެމަށް ޖެހުނީ ވިއެޓްނާމުގެ ޑޮކްޓަރަކު ޓީމުގެ މެޑިކަލް މަގާމަށް ހަމަޖައްސާށެވެ.
އިންޓަނޭޝަނަލް މުބާރާތްތަކަށާއި މެޗުތަކަށް ދާއިރު ޕްރޮފޭޝަނަލީ ތަމްރީނު ވެފައިވާ ޑޮކްޓަރެއް ހުންނަން އޭއެފްސީން މިހާރު ލާޒިމު ކުރެ އެވެ. އެކަމަކު މީގެ ކުރިން ވެސް ރާއްޖޭން ޑޮކްޓަރަކު ނުގެންދާ މައްސަލަ ފެންމަތިވެފައި ވެއެވެ.
އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޝުޖާއު ވިދާޅުވީ، ގައުމީ ޓީމާ އެކު މެޑިކަލަ ޑޮކްޓަރެއް ދަތުރު ކުރަން ހަމަޖެހިފައި އޮތް ކަމަށެވެ. އެކަމަކު އެންމެ ފަހު ވަގުތު އޭނާ އަށް ދަތުރު ކުރެވޭ ގޮތް ނުވީ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އެންމެ ފަހު ވަގަުތު ޑޮކްޓަރަށް ދެވެން ނެތީމަ އަޅުގަނޑުމެން ވަނީ ވިއެޓްނާމްގެ އެފްއޭ އަށް ވެސް އަންގާފަ. އެހެންވެ، (ކޮލިފައިން މުބާރާތަށް) އެ ގައުމުން ޑޮކްޓަރަކު ހަމަޖައްސައި ދިނުމަށް އަޅުގަނޑުމެން ދުރާލައ ވަނީ ދަންނަވާފަ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮލިފައިންގައި ރާއްޖެ ކުޅުނު ތިން މެޗުގައި ޓީމުގެ މެޑިކަލްގެ މަގާމު އަދާކުރަން، ވިއެޓްނާމްގެ ފެޑެރޭޝަން މެދުވެރިކޮށް ހަމަޖެއްސި ޑޮކްޓަރުގެ މުސާރަ އަށް 200 އެއްހާ ޑޮލަރު ހޭދަވާ ކަމަށެވެ. އެ ފައިސާ ހަމަޖައްސާފައި ވަނީ އެފްއޭއެމުން ކަމަށް އޭނާ ވިދާޅުވި އެވެ.