ސައުދީގެ މަޝްރޫއު އަދިވެސް ކުރިއަށް ދާނެ: ރައީސް
ސައުދީގެ މަޝްރޫއު އަދިވެސް ކުރިއަށް ދާނެ: ރައީސް

ސައުދީ އަރަބިއްޔާ އިން ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު އަދިވެސް ކުރިއަށް ދާނެ ކަމަށާއި އެއީ އޮޅުވާލުމެއްގެ ތެރެއިން ކުރިއަށްދާ މަޝްރޫއެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.

ސައުދީގެ މަޝްރޫއު އަދިވެސް ކުރިއަށް ދާނެ: ރައީސް
ސައުދީގެ މަޝްރޫއު އަދިވެސް ކުރިއަށް ދާނެ: ރައީސް

ޕީޕީއެމާ އަލަށް ގުޅުނު ބައެއް މީހުންގެ ފޯމްތައް ހަވާލުކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ހަފުލާގައި ރައީސް ވިދާޅުވީ ފ. އަތޮޅުގެ 10 ބިލިއަން ޑޮލަރުގެ މަޝްރޫއު ކުރިއަށް ގެންދަނީ ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާ އިން ކަމަށެވެ. އެ މަޝްރޫއަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފެށި މަޝްރޫއެއް ކަމަށެވެ. އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ އެ މަޝްރޫއު ކުރިއަށް ގެންދަވަން ކަމަށް ވިދާޅުވި އެވެ.

"އަދި ރައީސް ވަހީދުގެ ސަރުކާރުގައި މިކަން ފެށިގެން ދިޔައިރު، އަޅުގަނޑަށް ސީދާ ރައީސް ވަހީދުގެ ފަރާތްޕުޅުން މައުލޫމާތު ލިބިފައި މިއޮތީ އޭރު ތިއްބެވި ސިޔާސީ ހުރިހާ ލީޑަރުންނާ މި މަޝްރޫއު ޑިސްކަސް ކުރެއްވި ކަމަށް. އޭގެ ތެރޭގައި ރައީސް ކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާ ވެސް މި މަޝްރޫއު ޑިސްކަސް ކުރެއްވި،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ ބިން ވިއްކުމާ ދެކޮޅަށް ކުރީގެ ރައީސް މައުމޫން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާއިރު، ރައީސް ޔާމީން އެ އިޝާރާތް ކުރެއްވީ މައުމޫނަށް ކަމަށް ބެލެވެ އެވެ.

"އޭރު ފެށިގެން އައި މަޝްރޫއެއްގެ މަސައްކަތް އަޅުގަނޑުމެން ކުރެވޭތޯ ބަލަމުން މި އަންނަނީ. ދެން ބޮޑެތި ބިޔަ އިންވެސްޓްމަންޓްތައް އަންނަ ކަމަށްވަންޏާ، އެއާ ގުޅޭ ގާނޫނުތައް ހަދާނެ. އަދި އިންވެސްޓަރުންނަށް ހިމާޔަތް ދޭން ކުރާ ކަންކަން ވެސް ކުރާނެ."

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރުގެ އެޖެންޑާ އަކީ އެއްވެސް ތަނެއް އަމިއްލަ ކުރުމުގެ ފުރުސަތު ބައަކަށް ދިނުމެއް ނޫނެވެ. ރިސޯޓުތައް 99 އަހަރަށް ކުއްޔަށް ދޫކުރަން ގާނޫނުއަސާސީން މިހާރު ވެސް ބާރު ލިބޭ ކަން ފާހަގަކުރައްވައި ވިދާޅުވީ މި ސަރުކާރުން ވެސް އުޅެނީ ވަކި އާ ކަމެއް ކުރަން ނޫން ކަމަށެވެ.

ރައީސް ޔާމީން ތަކުރާރުކޮށް މިއަދު ވެސް ވިދާޅުވި ގޮތުގައި ފ. އަތޮޅު މަޝްރޫއުގައި އޮޅުވާލުމެއް ނުވަތަ ސަރުކާރުން ފޮރުވާފައި އޮތް އެޖެންޑާއެއް ނެތެވެ. އެ މަޝްރޫއުގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުމެއް ލިބޭ އެއްވެސް ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެ ވަޑައިގަތުމަށް ނިންމެވުމުން، އެމަނިކުފާނާ ދެކޮޅަށް އެތައް ޝުއޫރެއް ސޯޝަލްމީޑިއާ އަދި މީޑިއާ ތެރޭގައި ފެތުރި ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަކު ރަސްގެފާނުގެ ދަތުރުފުޅު ލަސްކުރެއްވީ، ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަންއާ ގުޅިގެން ކަމަށް ރައީސް ވެސް މިއަދު ވިދާޅުވި އެވެ.

"އިރާދަކުރެއްވިޔާ މާ ލަސްތަކެއް ނުވެ އަނެއްކާ ވެސް އަޅުގަނޑުމެންނަށް ސައޫދީ ރަސްގެފާނާ ބައްދަލުކޮށްގެން އަޅުގަނޑުމެން ކުރަން ބޭނުންވާ މަސައްކަތްތައް ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

ރަސްގެފާނުގެ ދަތުރުފުޅުގައި ރާއްޖެ އަށް ވެދެއްވަން ނިންމެވި އެހީގެ އެއްބަސްވުންތައް ނިންމެވުމަށް ކެބިނެޓުގެ ބައެއް ވަޒީރުން ސައޫދީ އަރަބިއްޔާ އަށް ދަތުރުތައް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ. އަދި މި އަހަރުގެ ހައްޖުގެ ތެރޭގައި ވެސް ސައުދީ ރަސްގެފާނާއި އެ ގައުމުގެ އިސް ފަރާތްތަކާ ބައްދަލުކުރެއްވުމުގެ ދައުވަތު އެމަނިކުފާނަށް ދެއްވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.