ގައުމީ ބޮޑީބޯޑިން ލީގު: ފުވައްމުލަކު މުބާރާތުގެ ބަދަލުގައި ލަބެރަ ޗެލެންޖް
ގައުމީ ބޮޑީބޯޑިން ލީގު: ފުވައްމުލަކު މުބާރާތުގެ ބަދަލުގައި ލަބެރަ ޗެލެންޖް

މިއަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ދެވަނަ މުބާރާތުގެ ގޮތުގައި ތާވަލް ކުރެވުނު ފުވައްމުލަކު ބޮޑީބޯޑިން ޗެލެންޖްގެ ބަދަލުގައި، ލަބެރަ ބޮޑީބޯޑިން ޗެލެންޖް ބާއްވަން، ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ނިންމައިފި އެވެ.

ގައުމީ ލީގުގައި މިއަހަރަށް ތިން މުބާރާތެއް ތާވަލް ކޮށްގެން މިދިޔަ ޖެނުއަރީ މަހު ނެރުނު ކަލަންޑަރުގައި ލަބެރަ ޗެލެންޖް ހިމަނާފައެއް ނުވެ އެވެ. ބުރުނު ޝިކާރުން ފަށައި، އޮގަސްޓް މަހު ފުވައްމުލަކު މުބާރާތް ބޭއްވުމަށް ފަހު ފަހު މުބާރާތަކަށް އޮތީ ސެޕްޓެމްބަރު މަހު ގައުމީ ބަނޑުފިލާ ޗެލެންޖެވެ.

ނަމަވެސް އެމްބީބީއޭ އިން ވަނީ ފުވައްމުލައް މުބާރާތުގެ ބަދަލުގައި، އޮގަސްޓް 5-8 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑުގައި ލަބެރަ ޗެލެންޖް ބާއްވަން ނިންމައި އެކަން އިއުލާން ކޮށްފަ އެވެ.

އެމްބީބީއޭ އިން ހާމަކުރި ގޮތުގައި މިވަގުތުގެ ހާލަތާ ގުޅިގެން ފުވައްމުލަކުގައި ބާއްވަން އޮތް މުބާރާތް މާލޭގައި ބާއްވަން ޖެހުނީ ކަމަށެވެ. ހުކުރު ދުވަހު މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ރަޖިސްޓްރޭޝަން ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

މިދިޔަ މަހު ބޮޑީބޯޑިން އެސޯސިއޭޝަންގެ އޮފީސް ފަޅާލައި، އެތަނުން ވަނީ އަގުބޮޑު މުދާތަކެއް ވަގަށް ނަގައިފަ އެވެ.

މިއީ ލަބެރަ ޗެލެންޖް ބާއްވާ ހަތަރުވަނަ ފަހަރެވެ. އެންމެ ފަހުން ބޭއްވި ތިން ފަހަރު ވެސް ޗެމްޕިއަންކަން ހޯދީ އަލީ ޚުޝްރުވާން (ކުޑަ އައްޔަ) އެވެ. މިދިޔަ އަހަރު ލަބެރަ ޗެލެންޖްގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ފުވައްމުލަކުގެ މުހައްމަދު އަޒާން އަހުމަދެވެ.

މި އަހަރުގެ ގައުމީ ލީގު ފެށީ މިދިޔަ މަހު ބޭއްވި ބުރުނު ޝިކާރުންނެވެ. އެ މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ އާމިން އުމަރު މޫސާ އެވެ. ޖޫނިއާ ބައިގެ ޗެމްޕިއަންކަން އިޔާން އަހުމަދު ހޯދި އިރު، ޑްރޮޕްނީ ބައިގެ ޗެމްޕިއަންކަން ހޯދީ ކުޑަ އައްޔަ އެވެ.