އުފަންވިއިރު ދަރިފުޅުގެ ހަށިގަނޑުގައި ޑްރަގްސްގެ އަސަރު، އިހުމާލުވި މަންމަ ހޯދަނީ
އުފަންވިއިރު ދަރިފުޅުގެ ހަށިގަނޑުގައި ޑްރަގްސްގެ އަސަރު، އިހުމާލުވި މަންމަ ހޯދަނީ

ދަރިފުޅު އުފަންވި އިރު ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު ހުރި މައްސަލާގައި، އެ ކުއްޖާގެ މަންމަ ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

އެ މައްސަލާގައި ހޯދަން އިއުލާންކުރީ ސ. ހިތަދޫ، އުޖާލާ، އާމިނަތު ޝިފްޒާ 40، އެވެ. އޭނާ ހޯދަނީ، އެނގިފައިވާ ގޮތުގައި، ކުއްޖާއަށް އިހުމާލުވި މައްސަލައިގަ އެވެ.

މަސްތުވާތަކެތީގެ މިފަދަ ކޭސްތަކުގައި، އެ ކުއްޖާ ގިނަ ފަހަރަށް ދައުލަތަށް ނަގަ އެވެ. އާއިލާ އިން ޒިންމާ ނަގާނެ ބަޔަކު ތިބި ނަމަ އެ ބަޔަކާ ވެސް ހަވާލުކުރެ އެވެ.

ޝިފްޒާގެ ދަރިފުޅު ބަލަނީ ދައުލަތުން ކަމެއް ނުވަތަ އާއިލާއާ ހަވާލުކޮށްފައިވާ ކަމެއް ސާފެއް ނޫނެވެ.

ފުލުހުން ބުނީ އޭނާ ހޯދަނީ ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ. އޭނާ ހޯދަނީ ސުވާލުކުރުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޝިފްޒާއަކީ ޑްރަގްސް ބޭނުން ކުރުމުގެ ރެކޯޑު އޮންނަ މީހެކެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން ވިހާފައި ވަރަށް ގިނަ ފަހަރަށް އަމިއްލައަށް އެދިގެން ވެސް ދަރިފުޅު ދައުލަތާ ހަވާލުކުރެ އެވެ. މީގެ ކުރިން ވެސް މިފަދަ ގިނަ މައްސަލަތަކެއް ފުލުހުން ތަހުގީގުކޮށްފައިވެ އެވެ.