20 ޖުލައި 2025 - 10:46

ބޮލީވުޑްގެ ތަރި އަނަންޔާ ޕާންޑޭގެ ކަޒިން އަހާން ޕާންޑޭގެ ފުރަތަމަ ފިލްމު "ސައްޔާރާ" ބޮކްސް އޮފީހުގައި ފެށުން ރަނގަޅުކޮށްފި އެވެ.
އަހާން ބޮލީވުޑަށް ތައާރަފުވި "ސައްޔާރާ" ޕްރިމިއާކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ފިލްމުގައި އޭނާއާ އެކު ލީޑު އެކްޓްރެސްގެ ރޯލު ކުޅެނީ އަނީތު ޕައްޑާ އެވެ. ކުރިން ވެބް ސީރީޒްތަކުގައި މަސައްކަތްކޮށްފައިވާ އަނީތުގެ ވެސް މިއީ ފުރަތަމަ ފިލްމެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ފުރަތަމަ ދުވަހު އެ ފިލްމަށް ވަނީ 21 ކްރޯޑް ރުޕީސް ލިބިފަ އެވެ. އެއާއެކު، މި ފިލްމު މިހާރު ވެފައި ވަނީ މި އަހަރު ބޮލީވުޑަށް ތައާރަފުވި އާ އެކްޓަރުންގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.
ބޮޑު ސްކްރީނުގައި އެޅުވި ހުޝީ ކަޕޫރާއި ޖުނައިދު ހާންގެ ފުރަތަމަ ފިލްމު "ލަވްޔާޕާ" ރިލީޒްކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ މުޅި ޖުމްލަ، އެންމެ 12 ކްރޯޑް ރުޕީސް އެވެ.
ރަވީނާ ޓެންޑޮންގެ ދަރިފުޅު ރަޝާ ތަންޑާނީގެ ފުރަތަމަ ފިލްމު "އަޒާދު" ރިލީޒްކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ މުޅި ޖުމްލަ، އެންމެ 10 ކްރޯޑް ރުޕީސް އެވެ.
ރިޕޯޓްތައް މިއަދު ބުނި ގޮތުގައި، އާހާން އާއި އަނީތުގެ "ސައްޔާރާ" ފުރަތަމަ ދެ ދުވަހު ވަނީ ބޮކްސް އޮފީހުގައި 45 ކްރޯޑް ރުޕީސް ލިބިފަ އެވެ. އަދި މިއަދު އެ އަދަދު 50 ކްރޯޑް ރުޕީސް ހުރަސްކުރާނެ ކަމަށް ބެލެވެ އެވެ.
ވައިއާރުއެފުން ގެނެސްދޭ "ސައްޔާރާ"އަކީ 60 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
"އާޝިގީ 2" އާއި "އޭކް ވިލަން" ކަހަލަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ މޯހިތު ސޫރީ ޑައިރެކްޓުކޮށްފައިވާ "ސައްޔާރާ"އަކީ ލޯބީގެ އަސަރުގަދަ ފިލްމެކެވެ.
"ސައްޔާރާ"އަށް ކްރިޓިކުންނާއި އާންމުންގެ ފަރާތުން ވެސް ގިނައިން ލިބިފައި ވަނީ ޕޮޒިޓިވް ރިވިއުތަކެވެ.