ޣައްޒާގައި އެހީ ދޭ ދެ މަރުކަޒެއްގެ ކައިރީ މިއަދު 39 މީހަކު ޝަހީދުކޮށްލި
ޣައްޒާގައި އެހީ ދޭ ދެ މަރުކަޒެއްގެ ކައިރީ މިއަދު 39 މީހަކު ޝަހީދުކޮށްލި

ފަލަސްތީނުގެ ޣައްޒާގެ އާންމުންނަށް އެހީ ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ދެ މަރުކަޒެއްގެ ކައިރީ އިޒްރޭލުން ހަމަލާދީ މިއަދު 39 މީހަކު ޝަހީދުކޮށްލި ކަމަށާއި މި ހަމަލާތަކުގައި 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

ޣައްޒާގައި އިޒްރޭލުން ހަމަލާދޭތާ 21 މަސް ދުވަސް ވެފައި ވާއިރު ޣައްޒާއިން ކާބޯތަކެތި ހުސްވަންދެން ހިސާރު ދެމެހެއްޓުމަށް ފަހު އިޒްރޭލުގެ ބެލުމުގެ ދަށުން އެހީ ބަހަން ގާއިމުކުރި މަރުކަޒުތަކުގެ ކައިރީގައި ހަމަލާ ދިނުމާއި އެ ހަމަލާތަކުގައި މީހުން ޝަހީދުވުމަކީ މިހާރު ކޮންމެ ދުވަހަކު ހިނގާ ކަމަކަށް ވަނީ ވެފަ އެވެ.

އދ. އާއި އަމިއްލަ އެކި ޖަމާއަތްތަކުން ޣައްޒާއަށް އެހީ ދިނުން ހުއްޓުވުމަށް ފަހު އިޒްރޭލާއި އެމެރިކާއިން ހަމަޖެއްސި ޣައްޒާ ހިއުމެނިޓޭރިއަން ފަންޑް (ޖީއެޗްއެފް) އިން އަމަލުކުރާ ގޮތުން އެކަން މަރުގެ ދަންތުރައަކަށް ވެފައިވާ ކަމަށް އދ. އިން ވެސް ވަނީ ބުނެފަ އެވެ. އެކަމަކު ޖީއެޗްއެފުން ބުނަމުންދަނީ މިއީ ހަމާސް ޖަމާއަތުގެ ސަބަބުން ދިމާވާ ހާދިސާތައް ކަމަށެވެ.

ސިވިލް ޑިފެންސް އިދާރާގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވީ މިއަދު މީހުން ޝަހީދުވީ ޚާން ޔުނިސްގެ ހުޅަނގު ދެކުނުގައި އޮންނަ ތަނަކާއި ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހްގެ ހުޅަނގު އުތުރުގެ ސެންޓަރެއް ކައިރީގައި ކަމަށެވެ. އެންމެން ވެސް މަރުވީ އިޒްރޭލުން ބަޑި ޖެހުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ޖީއެޗްއެފުން ކުރިން ވެސް ބުނާ ގޮތަށް މިއަދު ވެސް ބުނީ އެ ޖަމާއަތުގެ ސެންޓަރުތަކުގެ ކައިރީގައި ހަމަނުޖެހުން ހިނގައި މީހުން މަރުވި ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. އެ ޖަމާއަތުން ބުނަނީ އެހީގެ ސާމާނު ބަލައި ރޭގަނޑާއި ފަތިހު ތަންތަނަށް ޖަމާނުވާން ތަކުރާރުކޮށް އަންގަމުންދާ ކަމަށާއި މިއީ އެ އެންގުމާ ހިލާފުވާތީ ދިމާވާ ހާދިސާތައް ކަމަށެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 58،700 އަށް ވުރެ މައްޗަށް އަރައިފަ އެވެ. މީގެ ތެރޭގައި ގިނައީ އާންމުންނެވެ.