ބީއެމްއެލްގެ 40 ވަނަ ބްރާންޗު ދުވާފަރުގައި
ބީއެމްއެލްގެ 40 ވަނަ ބްރާންޗު ދުވާފަރުގައި

ބީއެމްއެލް އިން ރ. ދުވާފަރުގައި އެ ބޭންކުގެ ބްރާންޗެއް ހުޅުވައި ހިދުމަތް އިތުރަށް ފުޅާކޮށްފި އެވެ.

މިއަދު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރާންޗް ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތޮލިބެވެ. އެ ރަސްމިއްޔާތުގައި ބޭންކުގެ ޗެއަޕާސަން އަހުމަދު އަލީ ހަބީބާއި ޑެޕިއުޓީ ސީއީއޯ އެންޑް ޗީފް އޮޕަރޭޓިން އޮފިސަ ސަހާ ވަހީދު ބައިވެރިވެ ވަޑައިގަތެވެ.

މިއަދު ދުވާފަރުގައި ހުޅުވީ އެ ބޭންކްގެ 40 ވަނަ ބަރާންޗެވެ. ދުވާފަރުގައި ހުޅުވި އާ ބްރާންޗުން "އިސްލާމިކް ފައިނޭންސް ފަސްޓް" ޕޮލިސީގެ ދަށުން ދޭނީ އިސްލާމިކް ބޭންކިން ހިދުމަތްތަކަށް އިސްކަންދީގެން ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މިއާ އެކު ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް 40 ބްރާންޗް، 133 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 188 އޭޓީއެމް، ފުޅާ ދާއިރާއެއްގައި އޭޖެންޓް ބޭންކިން ހިދުމަތް އަދި ޒަމާނީ ޑިޖިޓަލް ބޭންކިން ހައްލުތަކާ އެކު، ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ގޮތުގައި ބޭންކުގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ އެވެ.

ބޭންކުގެ ހިދުމަތް ލިބޭ ތަންތަން އިތުރުކުރުމާ އެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ޗެނަލްތަކާއި ޕާޓްނަޝިޕްތައް އިތުރަށް ކުރިއެރުވުމަށް ބޭންކުން މަސައްކަތްކުރަމުން ދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން 1982 ވަނަ އަހަރު ބޭންކުގެ ފުރަތަމަ ބްރާންޗް ހުޅުވީ މާލޭގަ އެވެ. އެ ބޭންކުން އަންނަނީ މާލީ ބައިވެރިވުން އިތުރުކުރުމަށް ހާއްސަ އަހުމިއްޔަތުކަމެއް ދީގެން ކޮންމެ ރަށަކުން ވެސް ބޭންކިން ޚިދުމަތް ލިބޭނެ ގޮތަށް ހިދުމަތްތައް ފުޅާކުރަމުންނެވެ.