ވާހަކަ- ހިބާ
ވާހަކަ- ހިބާ

(ބުދަ ދުވަހާ ގުޅޭ)

"އައި އޭމް ސޮރީ!" ޑަކުޓަރު ބުންޏެވެ.

ނާސިފުގެ މުޅި ހަށިގަނޑަށް ޒާތެއްގެ ފިންޏެއް ފެތުރިގެން ދިޔައެވެ. ބޮލުން ފެށިގެން ފަޔަށެވެ. ފައިން ފެށިގެން ބޮލަށް ވެސް މެއެވެ. އެއީ ދުވަހަކު ވެސް ނާސިފަށް ތަޖުރިބާ ކުރެވުނު ފިންޏެއް ނޫނެވެ. ސުވާލެއް ނުކުރި ނަމަވެސް ޑަކުޓަރު އިތުރު ތަފުސީލު ދިނެވެ.

"ބަލިމީހާ ސަލާމަތްކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަހަރުމެން ކުރިން،" ޑަކުޓަރު އިނގިރޭސިން ބުންޏެވެ. "ހިތް ހުއްޓިދާނެ ކަމުގެ ބިރު އޮތީމަ އެ ކަމަށް ވެސް ތައްޔާރު ވެގެން ތިބީ. ބަލިމީހާ ބަލަހައްޓަން އަބަދު ވެސް ޓީމެއް ތިބޭނެ. އެކަމަކު ހިތާމައާއެކީ ބުނަންޖެހެނީ، ފުރާނަ ސަލާމަތެއް ނުކުރެވުނު."
ދެން ވެސް ނާސިފު އިރުކޮޅަކު، ހުއްޓުން އަރައިފައި އިނެވެ. ހިބާ މަރުވިކަން ގަބޫލު ކުރާކަށް ނާސިފު ބޭނުމެއް ނޫނެވެ.

"އެހެން ނުވާނެ،" ނާސިފު ވަރަށް ފަރިތަކޮށް އިނގިރޭސިން ޖަވާބު ދިނެވެ. "ތި ދައްކާ އެއްވެސް ވާހަކައެއް އަހަރެން ގަބޫލެއް ނުކުރާނަން. ޓީމެއް ތިބޭނޭ ބުނި އިރު، ހިބާ ކައިރީގަ އެކަކު ވެސް ނެތް. ފަޅަށް އޮތީ. އަހަރެން އެ ތަނަށް ވަނީމޭ! އަހަރެން އެނދު ކައިރީ ހުއްޓާ ހިބާ ލޯ ހުޅުވި. ހާސްވަނީއޭ، މި ތަނުން ނެރޭށޭ ވެސް ބުނި. ކަލޭމެން އޭނައަށް ކޮންމެވެސް ގޮތެއް ހެދީ."

"ދެކޮޅަށް ދައުވާ ކުރެވޭ ކަހަލަ އެއްޗެއް ތި ބުނީ،" ޑަކުޓަރު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "އެކަމަކު އަހަންނަކީ ޑަކުޓަރެއް. ވަކީލެއް ނޫން. ތީ ބަލިމީހާގެ ވަރަށް ގާތް ރައްޓެއްސެއް. އޭނަ ގެނައިއްސުރެ، ގެއަށް ނުގޮސް މި ތާ ތި އިންނަނީ. ތި ކަހަލަ ގުޅުމެއް އޮންނަ..."

ޑަކުޓަރު ދައްކަން އުޅުނު ދިގު ވާހަކަ ނާސިފު މެދުކަނޑައިލިއެވެ.

"ހިބާއަކީ އަހަރެންގެ ކާކު ކަމެއް ޑޮކްޓަރަކަށް ނޭނގޭނެ،" ހިތްހަމަނުޖެހިފައި ނާސިފު ބުންޏެވެ. "އަހަރެން މި ކުރާ ސުވާލަށް ޖަވާބުދީ! އަހަންނަށް އޭނަ ދައްކާނަންތަ؟"

އެ ވަގުތު ފޯނެއް އައިސްގެން ޑަކުޓަރު ފޯނަށް ޖަވާބު ދިނެވެ. ނާސިފަށް ނޭނގޭ ބަހުރުވަޔަކުންނެވެ. އެނގޭ ބައެއް ލަފުޒު ކިއެވެ. ޑެޑްބޮޑީ އާއި ޕޯސްޓްމޯޓަމް އާއި ޕޮލިސްއެވެ. ސްޓްރެސް އާއި ޝޮކް އާއި ޑެމޭޖެވެ.

ނާސިފު ޖެހުނީ އަމިއްލަ ސިކުނޑިން ލަފުޒުތައް ތަރުތީބު ކޮށްލާށެވެ. ފުރަތަމަ ތިން ލަފުޒު ހިބާއަށެވެ. ފަހު ތިން ލަފުޒު ނާސިފަށެވެ. ޑަކުޓަރު ފޯނު ބާއްވައިފައި ވެސް އިރުކޮޅަކު ވިސްނަން އިނެވެ.

"އޯޓޮޕްސީ ނިންމާފަ އާއިލާއާ ބޮޑީ ހަވާލު ކުރާނީ،" ޑަކުޓަރު ބުންޏެވެ. "އުސޫލު އޮންނަ..."

"ތީގެ މާނައަކީ ހިބާ މަރެއް ނުވެއޭ!" މޭޒުމަތީގައި ޖަހާފައި ނާސިފު ބުންޏެވެ. "ކޮންމެވެސް ބަޔަކު މި ހޮސްޕިޓަލަށް ލާރިތަކެއް ދިނީ. އަހަންނަށް ޔަގީން. އަހަރެން މަރާލަން، އަހަރެން ލޯބިވާ މީހުންނަށް ގޮތްގޮތް ހަދަން ބޭރު ގައުމުތަކުގެ ސަރުކާރުން މަސައްކަތް ކުރާކަން އެނގޭތަ؟ އަހަންނަށް ފާރަލާކަން އެނގޭތަ؟ އެއީ އާ ކަމެއް ނޫނޭ! ހަމަ މިހާރު އަހަންނަށް ޑެޑް ބޮޑީ ދައްކާ އެހެން ނޫނީ ކޯޓަށް މައްސަލަ ވައްދާ، ހޮސްޕިޓަލް ބަދުނާމު ކޮށްލާނަން."

"އަހަރެން ވަރަށް އެބަ ކެތްކުރަން،" ނަސޭހަތުގެ ރާގެއްގައި ޑަކުޓަރު ބުންޏެވެ. "މި ތާ އެހެން މީހަކު އިން ނަމަ، ވަރަށް އެހެން ގޮތަކަށް މިހާރު މި ކަން ނިމިއްޖައީސް. މި ހޮސްޕިޓަލަކީ މީހުން ވަރަށް އިތުބާރު ކުރާ ތަނެއް. ހިނގާ ރީތިކޮށް މި ކަން ނިންމާލަމާ! އަހަންނަށް އެނގިފަ އޮތް ގޮތުން، ބަލިމީހާގެ އާއިލާ މީހުން އެބަ އާދޭ! އައިމަ ހުރިހާ ކަމެއް ހަމަޖެހޭނެ. އޭގެ ކުރިން، ސައިކިއޭޓްރިސްޓަކާ ބައްދަލު ކޮށްލަން ބޭނުމިއްޔާ، އެ ކަން ވެސް ހަމަޖައްސަ ދެވިދާނެ."

"އަހަރެން ނޫޅެމޭ މޮޔަވެގެނެއް،" ފުންމައިގެން ތެދުވަމުން ނާސިފު ބުންޏެވެ. "ކަލޭ މޮޔަ ވާހަކަ ދައްކާތީ މައްސަލައަކީ. މީހަކު މަރުވިއޭ ބުނާ އިރު އޭނަގެ ބޮޑީއެއް ނުދައްކާ! ތީ ބޮޑު ޖޯކެއްނު! އަހަރެން މި ބުނަނީ އޭނަ ލޯ ހުޅުވިއޭ، ވާހަކަ ވެސް ދެއްކިއޭ! ދެން ކަލޭ ކީއްތަ ވާނީ އޭނަގެ މޫނު ދައްކާލަން؟ ހާޓްއެޓޭކެއް ޖެހުނިއްޔޯ! ކޯމާގަ ތިބޭ މީހުންނަށް ހާޓްއެޓޭކް ޖެހޭބާ؟ އޭނަގެ މޫނު ނުފެންނަނީސް، އޭނަ މަރުވި ކަމަކަށް ގަބޫލެއް ނުކުރާނަން. އަޑުއިވިއްޖެ؟"

މާ އަޑުގަދަވާން ފެށުމުން ޑަކުޓަރު އުޅުނީ ނާސިފު ނެރެން މީހުން ގެންނާށެވެ. އޭގެ ކުރިން ނާސިފު ނުކުތެވެ. ދިޔަ ގޮތަށް ދިޔައީ ހޮޓަލަށެވެ. ކޮޓަރީގެ ދޮރު ހުޅުވައިލި އިރު ހިބާ ސޯފާގައި އިނެވެ.

"ސަޕްރައިޒް!" ހިބާ ބުންޏެވެ.

އުފަލާއި ހިތާމައިން ނާސިފަށް ރޮވުނެވެ. ހިތަށް އެރިއެވެ. ތީ މީހުން ކުރާ ކަހަލަ ސަމާސައެއް ހެއްޔެވެ؟

"އަހަރެން އެހާ އަވަހަކަށް މަރެއް ނުވާނެ." ހިބާ ބުންޏެވެ.

"އަހަންނަށް އޭރު ވެސް އެނގޭ އެއީ ދޮގެއްކަން،" ގާތުގައި އިށީންނަމުން ނާސިފު ބުންޏެވެ. "ހިބާޔާ ހެދި ޑޮކްޓަރަށް ހާދަ ބަވާފައޭ މި އައީ. ކުރާ ކަންތައް. އެކަމަކު، އޭނަ ބޮޑީ ނުދައްކަން އުޅެން ފެށީމަ އަހަންނަށް ޔަގީން ވެއްޖެ މަރު ނުވާކަން. ލާނެތްވިޔަސް ބޮޑުވަރު އިނގޭ! އެބަ އަންނަން ޗޭންޖު ކޮށްލައިގެން."

ނާސިފު ގޮސް ކޮޓަރިއަށް ވަނެވެ. ފާހާނައަށް ވަދެ މަތިހަދައިލައިގެން ނުކުތެވެ.

"ހިނގާބަލަ އެއްޗެއް ކާން ދާން،" ބޭރު ސޯފާގައި އިން ހިބާއަށް އަޑު އިވޭ ވަރަށް ނާސިފު ބުންޏެވެ. "ހުސް ކޮފީ ބޮއިބޮއި ބަނޑު ސަކަރާތްވެއްޖެ! ބިރިޔާނި ކިހިނެއް ވާނެ؟"

ހިބާ އެއްޗެއް ބުނި އަޑެއް ނީވެއެވެ.

"ދާނެ ތަނެއް ހިބާ ނިންމާ!" ނާސިފު ބުންޏެވެ. "މަ ބުނާ އެއްޗެއް މިއަދު ކާން ވާނީ. އެއްކަލަ ތަނަށް ދާނީ ދޯ؟"

ދެން ވެސް ހިބާ ޖަވާބެއް ނުދިނެވެ. ވަކި ވަރަކަށް ތައްޔާރު ވެފައި ނާސިފު ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.

ހިބާއެއް ނެތެވެ. ނާސިފު ކޮޓަރިން ނުކުތެވެ.

"މިހާރު ކޮން ތާކަށް އެ ދިޔައީ؟" ހިތާހިތުން ނާސިފު ބުނެލިއެވެ. "މޭކަޕްކުރަން އެ ދިޔައީ. ޔަގީނޭ! އަޅެ ދާ އިރު ބުނެލާފަ ދާ ނަމަ ދޯ؟ ހޭނެތޭނެ. ކޯމާއަށް ދާނެ. މަރުވާނެ. އެންމެ ފަހުން މަކަން ނޭނގެ މޮޔަވާނީ."

ނާސިފު އަލުން ކޮޓަރިއަށް ވަދެ ތައްޔާރުވެގެން ނުކުތެވެ. ސޯފާގައި އިށީނދެލިއެވެ. ޓީވީ ހުޅުވައިލިއެވެ. ބަލައި ހިތްވާ އެއްޗެއް ނުދައްކައެވެ. ގަޑިއަށް ބަލައިލާފައި ހިބާއަށް ގުޅައިލިއެވެ.

"ހަލޯ!" ހިބާއާ ކުޑަކޮށް އަޑު ވައްތަރު އަންހެނަކު ބުންޏެވެ.

އެހެން ސުވާލެއް ވެސް އޭނަ ކުރިއެވެ. ބުނި އެއްޗެއް ނާސިފަކަށް ނޭނގުނެވެ.

"އާ ބަހެއް ވެސް ދަސްކޮށްގެން ދޯ ތި އައީ؟" ނާސިފު ވާހަކަ ދެއްކީ ދިވެހިބަހުންނެވެ. "އަދި ވެސް ފުށް ޖަހާ ނުނިމޭތަ؟"

"ތީ ކާކު؟" އޭނަ އިނގިރޭސިން އެހިއެވެ.

ނާސިފު އަޅައިގަތީ ރާގާއި، އަކުރުތައް ކިއި ގޮތެވެ. ހިތަށް އެރިއެވެ. އެއީ ހިބާއެއް ނޫނެވެ.

"މީ ކާކުހޭ؟" ނާސިފު އިނގިރޭސިން ބުންޏެވެ. "ތީ ކާކު؟ ކޮބާ ހިބާ؟"

"މީ ޕޮލިސް!" އޭނަ ބުންޏެވެ. "ކާކު ވާހަކަ ދައްކަނީ؟"

އެ ފަހަރު ނާސިފު ހިތަށް އެރިއެވެ. ޔަގީނެވެ. ހިބާ އަޑާއި ރާގު ބަދަލުކޮށްގެން ވާހަކަ ދައްކަނީއެވެ.

"ތީ ދެން ކޮން ކަމެއް ހިބާ؟" ވަރަށް ހިނި އައިސްފައި ނާސިފު ދިވެހިން ބުންޏެވެ. "ނުކުމޭ! ހިނގާ ދަމާ!"
ނާސިފު ފޯނުކަނޑައިލިއެވެ. ކޮޓަރިން ނުކުންނަނިކޮށް ހިބާ ގުޅިއެވެ. ފޯނު ނުނަގައި ނާސިފު ގޮސް ހިބާގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. ދޮރެއް ނުހުޅުވައެވެ. ހިބާ ފޯނު ކަނޑައެއް ވެސް ނުލިއެވެ.

"ކިހައި ދެރަކަމެއް،" ހިނިއައިސްފައި އެހެން ބުނެފައި ނާސިފު ފޯނު ނެގިއެވެ. "ދޮރު ހުޅުވާ!"

"ތީ ކާކު؟" ހަރުކަށި ފިރިހެން އަޑަކުން، އިނގިރޭސިން ސުވާލުކުރިއެވެ. "ޖަލުގެ ދޮރުތަ ހުޅުވަންވީ؟ ކަލެއަށް އެނގޭތަ ކިހާ ބޮޑު ކުށެއް ކަން ތި ކުރަނީ؟ ނަމާ، އެޑްރެސް ބުނޭ!"

ވެގެންއުޅޭ ގޮތް ނާސިފަށް އޮޅުންފިލަން ފެށީ އިތުރު އެތައް ވާހަކައެއް ދެކެވުނު ފަހުންނެވެ. ރޫމްބޯއީއާ އެކުގައި ހިބާގެ ކޮޓަރިއަށް ވަދެވުނު އިރު ފެނުނު މަންޒަރާއި ދެން ވީ ގޮތް ވެސް ހަނދާންވިއެވެ.

ހޮސްޕިޓަލުން އެނބުރި އައި އިރު ހިބާ ފެނުނު ހަނދާން ވެސް ވިއެވެ. އޭގެ ތެރެއިން ހީއަކީ ކޯޗެއް ކަމާއި އަސްލަކީ ކޯޗެއް ކަން ވަކިކުރާކަށް ނާސިފަކަށް އެހައި ފަސޭހައެއް ނުވިއެވެ. ވީ ކަންތަކާއި ނުވާ ކަންތައް ފައްތަރު ވެސް ވާން ފެށިއެވެ. ވީ ގޮތް ފުލުހުން ކިޔައި ދިނުމުން ވެސް ދެ ފަހަރަކު ހިބާގެ ކޮޓަރީގެ ދޮރުގައި ނާސިފު ޓަކިޖެހިއެވެ. ފަހަރެއްގައި ވެސް ހިބާ ނުކުމެދާނެކަމަށެވެ. ހީއާއި ހަގީގަތް ކަޅާއި ހުދަށް ބަދަލުކުރުމަށް ޓަކައެވެ.

ނާސިފު ބަލައި ފުލުހުން އައެވެ. ފުލުސް އޮފީހަށް ނާސިފު ގެންދިޔައެވެ.

"ކަލޭ ބުއްދި ސަލާމަތުންތަ ތިހިރީ؟" ފުލުހުން ފުރަތަމަ ކުރި ސުވާލަކީ އެއީއެވެ.

ވާހަކަ ދެކެވުނީ އިނގިރޭސިންނެވެ. ނާސިފު ދޭތެރެއަކުން ދިވެހިން އެއްޗެއް ބުނެލައެވެ. އެހެން ބުނެވޭކަން ނާސިފަށް ނުވެސް އެނގޭ ކަހަލައެވެ. ފަހުން ރަނގަޅު ނުކުރާތީއެވެ. ނާސިފު ދެއްކި ބައެއް ވާހަކަ ހަމައެއް ނުޖެހެއެވެ. މައްސަލައަކީ ހިބާއާ ބެހޭ ގޮތުން އަހާ ބައެއް ސުވާލަށް ނާސިފު ދޭ ޖަވާބެވެ.

"ދިމާވީމަ އަހައިލާނަން." ނާސިފަށް ބުނެވެނީ އެހެންނެވެ.

ފުލުހުން ކުރި އެކި ސުވާލަށް ނާސިފު ދިން އެކި ޖަވާބުގެ ތަންތަންކޮޅު ގުޅުވައި، ފަހައި، ކައިރި ހަދައިގެން، ކުޑަ ވަރެއްގެ ކޯޓެއް ފުލުހުންނަށް ފެހުނެވެ. އެއަކު ގިރުވާނެއް ނެތެވެ. އެއް އަތް ކުރެވެ. ޖީބު އަދި މާ ކުޑައެވެ. އެހެންވީ، ނާސިފު ދައްކާ ވާހަކަ ހަމަނުޖެހޭތީއެވެ. ފުލުހުންނަށް އެނގުނު ގޮތުގައި ނާސިފަކީ ހިބާގެ ލޯތްބަށް ފެންބޮވާފައިވާ މީހެކެވެ. ހިބާ މަރުވުމުން ހިތަށް ކުރި އަސަރު މާ ބޮޑުވީއެވެ. ވަސޭހަތްތެރިއެއް މެދުވެރިކޮށް އެ ކަން ކަށަވަރު ވެސް ކުރިއެވެ. ނާސިފު ދައްކާ ވާހަކަ މުޅީން ހަމައެއް ނުޖެހެއެވެ.

ކޯހުގެ ކުރިޔަށް އޮތް ބައި ނާސިފަކަށް ކުރިޔަކަށް ނުގެންދެވުނެވެ. ކުލާހަށް ދެއެވެ. ކިތަންމެ ހިތްވަރު ކޮށްފައި ކުލާހަށް ދިޔަސް ނާސިފު އިންނަނީ ކުލާހަކު ނޫނެވެ. ކުއްލިއަކަށް ގޮނޑިން ތެދުވެދާނެއެވެ. ބޭރަށް ނުކުންނަން ހިނގައިގެންފާނެއެވެ. ކިޔަވައިދޭން ހުންނަ މީހާ ގޮވިޔަސް އަޑެއް ނީވެއެވެ. ދެން ޖެހެނީ ފަހަތުން މީހަކު ދާށެވެ. ގޮސް އަތުގައި ހިފުމާ އެކު، އެއްވެސް ގަދަ ހެދުމެއް ނެތި ކުލާހަށް އެނބުރި އާދެއެވެ. ނުކުމެވުނީ ކީއްކުރަން، ކޮން ތަނަކަށް ދާން ކަމެއް ވެސް ބުނެއެއް ނުދެވެއެވެ.

ކުލާސް ނިންމާފައި ނާސިފު ހޮޓަލަކަށް ނުދެއެވެ. ދަނީ ހޮޓަލާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ ފުން، އޮއި ބާރު ކޯރެއް ކައިރިޔަށެވެ. ގިނަ ދުވަސް ދުވަހު އެ ތަނުގެ އައްސޭރީގައި ހިބާ އިނދެއެވެ. ނާސިފުގެ އިންތިޒާރުގައެވެ. އެތައް އިރަކު ދެ މީހުން ވާހަކަ ދައްކަން ތިބެއެވެ. އެ ފަދަ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ.

"ހިނގާބަލަ ކާކުތޯ އެންމެ ނޭވާދިގީ ބަލަން؟" ހިބާ އެދުނެވެ. (ނުނިމޭ)