19 ޖުލައި 2025 - 18:57

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ޓާމިނަލް މި މަހުގެ 26 ހުޅުވުމުގެ ތައްޔާރީތަކާ ގުޅިގެން، އެއާޕޯޓުގެ ޓެކްސީ ކިއު ކުރީގެ ކާގޯ ޓާމިނަލް ކުރިމައްޗަށް މާދަމާ އިން ފެށިގެން ބަދަލުކުރަން އެމްއޭސީއެލް އިން ނިންމައިފި އެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ، ހުޅުލޭގެ ދެކުނު ފަރާތުގައި މިހާރު އޮންނަ ކާރު ކިއު ޑޮމެސްޓިކް ޓާމިނަލް ކައިރީގައި އޮންނަ ކުރީގެ ކާގޯ ޓާމިނަލް ކުރިމައްޗަށް ބަދަލުކުުމާ އެކު، އެ ކިއު ބެލެހެއްޓުމުގެ ކަންކަން އެސްޓޭޓް ސެކިއުރިޓީ ސާވިސަސް (އީއެސްއެސް) އިން ކުރަމުން ގެންދާނެ ކަމަށެވެ.
އެމްއޭސީއެލް އިން ބުނީ، ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް މާދަމާ އިން ފެށިގެން ކާރުތަކަށް މަޑު ނުކުރެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ޑޮމެސްޓިކް ޓާމިނަލަށް މީހުން ގޮވައިގެންދާ ކާރުތައް މަޑުކުރަން ޖެހޭނީ އިންޓަނޭޝަނަލް ޓާމިނަލަށް ދާ ކާރުތައް މަޑުކުރަން ހާއްސަ ކޮށްފައިވާ ސަރަހައްދަށް ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.
އެއާޕޯޓަށް ދާ އެމްޓީސީސީގެ ބަސްތައް މާދަމާ އިން ފެށިގެން މަޑުކުރާ ގޮތަށް ހަމަޖައްސާފައި ވަނީ އެމްއޭސީއެލްގެ ކޯޕަރޭޓް އޮފީސް ފަހަތުގައި އޮންނަ ބަސް ސްޓޮޕަށް އެކަންޏެވެ.
އާ ޓާމިނަލް ހުޅުވުމަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނާތީ މިދިޔަ ބުރާސްފަތު ދުވަހު ވަނީ ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތައް ވަގުތީ ގޮތުން ބަންދު ކުރުމަށް ނިންމައިފަ އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން އެމްއޭސީއެލުން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.