މަސްތުވާތަކެއްޗާ އެކު ފުލުހަކާއި ނޫސްވެރިއަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ އެކު ފުލުހަކާއި ނޫސްވެރިއަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު އަންހެން ފުލުހަކާއި ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ 31، އާއި ހއ. ދިއްދޫ، ހަޒާރުމާގެ, ސައިފުﷲ އަހްމަދު 26، އެވެ.

ފުލުހުން ކަށަވަރު ކޮށްދިން ގޮތުގައި މީގެ ތެރެއިން ޝިޔާޒާ އަކީ ފުލުހެކެވެ. އަދި އޭނާ މިހާރު ވަނީ ވަޒީފާ އިން ސަސްޕެންޑު ވެސް ކޮށްފަ އެވެ. މި ދެ މީހުން ހައްޔަރުކުރީ ވިޔަފާރިވެރިންގެ މިސްކިތް ކައިރިންނެވެ.

މީގެ ތެރެއިން ސައިފުﷲ އަކީ ކުރިން ވަގުތު އޮންލައިންގައި މަސައްކަތް ކުރަމުން އައި ނޫސްވެރިއެކެވެ. އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން މިދިޔަ އަހަރު ދިން އެވޯޑްގައި ލައިފްސްޓައިލް ކެޓަގަރީން އެވޯޑު ވެސް ހޯދައިފަ އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗަށް ތުހުމަތު ކުރެވޭ ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝިޔާޒާގެ ބަންދަށް ފަސް ދުވަސް އަދި ސައިފުﷲގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެެވެ.