19 ޖުލައި 2025 - 13:03

ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާ އެކު އެގްރިމެންޓުގައި ސޮއިކުރަން ފޮނުވި ކަން އަންގާނީ "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ފެށޭ ހަފުތާގައި އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެ ކަމަށެވެ. ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން އެންގުމުން، ފްލެޓް ހަވާލުކުރުމާ ގުޅޭ ހުރިހާ މުއާމަލާތެއް ކުރިއަށް ގެންދާނީ އެފްޑީސީން ކަމަށާއި ފްލެޓް ލިބޭ މީހުންގެ މައުލޫމާތު އެ ކުންފުންޏާ ހިއްސާކުރަން ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރާނީ، މިނިސްޓްރީން ބުނި ގޮތުގައި، މަސައްކަތް ނިމި، ހަވާލުކުރަން ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ.
މިނިސްޓްރީން ބުނީ ފްލެޓު އެގްރިމެންޓުގައި ސޮއިކުރަން އެފްޑީސީއަށް ފޮނުވިކަން، ބޯހިޔާވަހިކަމުގެ މަޝްރޫއަށް ހާއްސަކޮށްފައިވާ "ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އެންގޭނެ ކަމަށެވެ. އެގޮތަށް ނާންގާ މީހުންނަށް ހައުސިން މިނިސްޓްރީ އަދި އެ ކުންފުނިން ވެސް ނުގުޅާނެ ކަމަށް އިއުލާނުގައި ބުންޏެވެ.
"އެފަދަ ފޯނު ކޯލުތަކާއި އެސްއެމްއެސްތަކަށް ހުރިހާ ރައްޔިތުން ސަމާލުވުމަށް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ." އެ އިއުލާނުގައިވެ އެވެ.
ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓު ލިބޭ މީހުން ކަނޑައެޅިއަސް، އޭގެ ތެރެއިން ޝަރުތު ހަމަވަނީ 1،820 މީހުން ކަމަށް ހައުސިން މިިނިސްޓްރީން ބުންޏެވެ. ގިނަ ޝަކުވާތަކަކާ ގުޅިގެން މި ސަރުކާރުން އެ ލިސްޓު އަލުން ރިވިއުކުރި ނަމަވެސް މިހާރު ނިންމާފައި ވަނީ އިތުރު ލިސްޓެއް އެކުލަވާނުލައި އޭރުގެ ލިސްޓަށް ފްލެޓްތައް ދޫކުރުމަށެވެ.
އެކަމަކު އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ދާއިރު، ހުށަހެޅި ލިއުންތަކަށް ވެރިފައިކޮށް ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓް ނުލިބޭނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.
އެ ފްލެޓުތަކުގެ އެއްބަސްވުން ހަދަން ނިންމާފައިވަނީ 25 އަހަރަށެވެ. އަދި އެ ތަން ލިބޭ މީހުންނަށް އެޕާޓްމަންޓު މިލްކު ކޮށްދޭނީ އެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓު ފައިސާ ދައްކައި ހަލާސް ކުރުމުންނެވެ.