19 ޖުލައި 2025 - 10:34

ސަރުކާރުގެ ބަޖެޓުން އެކި އެކި އިންވެސްޓްމެންޓްތަކަށް ކުރި ހޭދަ އެއް ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 200 މިލިއަން ރުފިޔާ އަށް ވުރެ އިތުރު އަދަދެކެވެ. އެއީ ގާތްގަނޑަކަށް 20 ޕަސެންޓުގެ އިތުރުވުމެކެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އިންވެސްޓްމެންޓްތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނޭނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިންވެސްޓްމެންޓްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ ކަމަށެވެ.
މިއަހަރުގެ ބަޖެޓުގައި އިންވެސްޓްމެންޓްތަކަށް ހަރަދު ކުރަން ކަނޑައަޅާފައިވަނީ 378 މިލިއަން ރުފިޔާ އެވެ. އެހެންވެ، މި އަހަރު ކުރި ހޭދަވަނީ ކަނޑައެޅި ބަޖެޓަށް ވުރެ 184 ޕަސެންޓް އިތުރުވެފަ އެވެ.
މިއަހަރުގެ ބަޖެޓުގައި ހަރަދު ކުޑަ ކުރަން މުހިއްމު ފިޔަވަޅުތަކެއް އަޅަން ޕްލޭންކޮށްފައިވެ އެވެ. އެ ރިފޯމުތަކާ އެކު ދައުލަތުގެ ހޭދަތައް 2.5 ބިލިއަން ރުފިޔާއަށް ކުޑަކުރަން ކަނޑައަޅާފައި އޮތް ނަމަވެސް، އެ ރިފޯމުތަކަށް އަމަލު ނުކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެއާއެކު މިއަހަރު ވެސް އަންދާޒާކުރި ވަރަށް ވުރެ އިތުރަށް ބަޖެޓުން ހަރަދު ކުރަން ޖެހި، ސަބްސިޑަރީ ބަޖެޓެއް ހުށަހެޅުމުގެ ފުރުސަތު މިވަނީ ބޮޑުވެފަ އެވެ.
މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 56.6 ބިލިއަން ރުފިޔާ އެވެ. މިހާތަނަށް ބަޖެޓުން ވަނީ 23.5 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އޭގެ ތެރޭގައި ރިކަރަންޓް ހަރަދަށް 16.6 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 2.1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއަހަރުގެ ޖުމްލަ ހަރަދު ވަނީ މިދިޔަ އަހަރަށް ވުރެ 2.3 ބިލިއަން ރުފިޔާ ކުޑަކޮށްފަ އެވެ.
އާމްދަނީގެ ގޮތުގައި ދައުލަތަށް މި އަހަރުގެ މިހާތަނަށް ވަނީ 20 ބިލިއަން ރުފިޔާ ލިބިފަ އެވެ.