15 ޖޫން 2016 - 07:46

ބޭނުންވާ ތަކެތި
1 ޖޯޑު ގޮދަންފުށް
3 ވައް މާޅޮސްކެޔޮ (ރަނގަޅަށް ދޮންވެފައި)
1 ސައިސަމުސާ ބޭކިން ޕައުޑަރު
4 މޭޒުމަތީސަމުސާ ހަކުރު
3 މޭޒުމަތީސަމުސާ ކާށިހުނި
½ ސައިސަމުސާ ބަނާނާ އެސެންސް
½ ސައިސަމުސާ ފިނިފެން (ރޯސް ވޯޓާ)
ތެޔޮ
ގޮދަންފުށާއި ބޭކިން ޕައުޑަރު އެއްކޮށްފައި ފުރާނައިލުން. ދޮންކެޔޮ ޗިސް ކޮށްފައި ހަކުރާއި ހުނި އެޅުން. ހަކުރުކޮޅު ވިރެންދެން އެއްކުރުމަށް ފަހު، (ބޭކިން ޕައުޑަރާ އެއްކޮށްފައި ހުރި) ފުށް އެޅުން. ރަނގަޅަށް އެއްކޮށްލައިފައި، ބަނާނާ އެސެންސާއި ފިނިފެން އެޅުން. ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުން. ތެޔޮގަނޑު ހޫނުކުރުމަށް ފަހު، ސަމުސަލަކުން ފުށް ނަގައިގެން ތެޔޮގަނޑަށް އަޅައިގެން، މަޑު މުށިކުލަ އަރަންދެން ތެއްލުން.
ދޮންކެޔޮ ކަޖޫ ހަދާ ވަގުތު ހަކުރު އެޅުމުގެ ބަދަލުގައި، ވަކިން ހަކުރު ފަނި ކައްކައިފައި، ދޮންކެޔޮ ކަޖޫ ތެއްލައިފައި، ހަކުރުފަނި ތެރޭގައި ބަހައްޓައިގެން ވެސް ފޮނި ކުރޭ.
1 ޖޯޑު ހަކުރު
2 ޖޯޑު ފެން
ރާނބާފަތް، ބަނާނާ އެސެންސް
ފެން ކެއްކުމަށް ފަހު، އޭގެ ތެރެއަށް ހަކުރު އަޅައިފައި، ފަސް މިނެޓު ވަންދެން ކެއްކުން. ރާނބާފަތް އަޅައިފައި، އުނދުން ނިއްވައިލައިފައި، ފެންގަނޑު ހިހޫ ވީމައި އެސެންސު އެޅުން. ތެއްލާފައި ހުރި ދޮންކެޔޮ ކަޖޫ އޭގެ ތެރޭގައި އެތުރުމަށް ފަހު، (ބޭނުން ނަމަ) ފިނި ވެސް ކުރެވިދާނެ. މި ގޮތަށް ދޮންކެޔޮ ކަޖޫ ތައްޔާރު ކުރާ ނަމަ، ފުށްގަނޑު ތައްޔާރު ކުރާއިރު، ބޭކިންޕައުޑަރުގެ ބަދަލުގައި 1 ކުކުޅުބިސް ބޭނުން ކުރުމާއި ހަކުރު ނޭޅުން.