17 ޖުލައި 2025 - 16:00

އަސްކޮއިގެ ފަރާތުން އުމްރާ އަށް ދިއުމަށް ފައިސާ ދެއްކި ފަހުން ލަނޑު ލިބުނު މީހުން އެ މައްސަލަ ރިޕޯޓްކުރަން ފުލުހުން މިއަދު އެދިއްޖެ އެވެ.
ފުލުހުން ބުނީ، އުމްރާ އަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު، އުމްރާ އަށް ނުގެންދިޔަ މައްސަލާގައި މިދިޔަ މެއި މަހު ޖޫރިމަނާކުރި އަސްކޮއި ޓްރެވަލް ސާވިސް އިން އަނެއްކާވެސް އެކަން ތަކުރާރުކުރި މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް، ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަސްކޮއިގެ ފަރާތުން ލަނޑު ލިބިފައިވާ ނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމްގެ ނަންބަރު 9790048 އަށް ގުޅައިގެން ނުވަތަ ހެންވޭރުގައި ހުންނަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވެގެން މައްސަލަ ރިޕޯޓްކުރަން އެދޭ ކަމަށެވެ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަސްކޮއި ކުންފުނިން އުމްރާ އަށް މީހުން ގެންދިއުމަށް ފައިސާ ނަގައި، ފުރަން އޮތް ދުވަހު ނުފުރައި، ލަނޑުދީގެން އުޅޭ ކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅައި، ގަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އަސްކޮއި ޓްރެވަލް ސާވިސްއަކީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ 2023 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން ދީފައިވާ ކުންފުންޏެކެވެ. ކުންފުނިތަކުގެ ރަޖިސްޓްރީގައިވާ ގޮތުގައި، އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޑެޓުގެ ވެރިންނަކީ އަބްދުﷲ ރަޝީދާއި އަހްމަދު ސަނިލް ކިޔާ ބައެކެވެ.
އަސްކޮއިގެ ސަބަބުން ލަނޑު ލިބުނު މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، އުމްރާއަށް ދިއުމަށް ދުރާލައި ފައިސާ ނަގައި، ފުރަން ހަފުތާއަކަށް ވެފައި ވަނިކޮށް އުމްރާއަށް ނުދެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.
އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، އެއީ ށ. ފޯކައިދޫން އުމްރާއަށް ދާ 28 މީހެކެވެ. އުމްރާއަށް ދިއުމަށް އެއިން ކޮންމެ މީހަކު ވަނީ އެ އެޖެންސީއަށް 25،500ރ. މިދިޔަ ފެބްރުއަރީ މަހު ދައްކައިފަ އެވެ.
މިދިޔަ ރޯދަމަހުގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އަސްކޮއި ގްރޫޕަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފައިސާ ދައްކަމުން ގޮސް މިދިޔަ ޖެނުއަރީ 24 ގައި އެއްކޮށް ފައިސާ ދައްކައި ނިންމި، ހަ މީހުންގެ އާއިލާއަކަށް ފަހު ވަގުތު ލަނޑުދީގެން، މިދިޔަ މެއި މަހު އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ޖޫރިމަނާ ވެސް ކޮށްފަ އެވެ.