ހޯމަ ދުވަހުން ފެށިގެން އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަނީ
ހޯމަ ދުވަހުން ފެށިގެން އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަނީ

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަންނަ ހޯމަ ދުވަހުން ފެށިގެން އެ މަގާމުން ޝަރަފްވެރިކަމާ އެކު ވަކިވެވަޑައިގެން، ރިޓަޔާ ކުރެއްވުމުގެ ފުރުސަތު ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާވެ ވަޑައިގަތުމަށް ހުށަހެޅުއްވީ މިދިޔަ މެއި މަހު އެވެ. އެ މަނިކުފާނަށް އެ ފުރުސަތު ދޭން ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ނިންމުމުން އިނާޔަތްތައް ލިބިވަޑައިގަންނަވާ ގޮތަށް ޝަރަފްވެރިކަމާ އެކު އެ މަގާމުން ވަކިވެވަޑައިގަންނަވާނެ އެވެ.

އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް ރަސްމީކޮށް މަސައްކަތަށް ދެން ނިކުމެވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހު އެކަންޏެވެ. ހޯމަ ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނަވާނީ ރިޓަޔާމެންޓްގަ އެވެ.

މިއީ މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔާވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. މީގެ ކުރިން އައްޔަން ކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަގާމުން ދުރުކުރެއްވި ބޭފުޅުންނެވެ.

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު 2019 ގަ އެވެ. އޭގެ ކުރިން އެ މަނިކުފާނު ވަނީ 2009 އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން ސަސްޕެންޑް ކުރުމުން އޭގެ ތެރެއިން ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. އަދި ފަހުން އަޒްމިރަލްދާ އާއި މަހާޒްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި، އެ ދެ ބޭފުޅުން މަގާމުން ވަނީ ވަކިކޮށްފަ އެވެ.